ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ބޭނުންކުރާނެ ވޯޓް ކަރުދާސް ޗާފުކުރާނެ ފަރާތެއް އެ ކޮމިޝަނުން މިހާރު ކަނޑައަޅާ ފައިވާކަމަށެވެ. އެއީ ކުރިން ތާވަލުކުރެވުނު އިންތިޚާބުގައިވެސް ވޯޓް ކަރުދާސްތައް ޗާފުކުރަން ކަނޑައެޅި ފަރާތްކަމަށް ޝަރީފް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޗާޕުކުރުމަށް މާދަމާ ހަވާލުކުރާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.މިފަހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޖުމްލައަކީ 2،72،480 ( ދެ ލައްކަ ހަތްދިހަ ދެ ހާސް ހަތަރު ސަތޭކަ އަށްޑިހަ ) އެވެ. ޤާނޫނު ބުނާ ގޮތުން ވޯޓް ކަރުދާސް ޗާޕުކުރަން ޖެހޭނީ މި އަދަދަށްވުރެ އެއް އިންސައްތަ އިތުރުކޮށެވެ.
މި ފަހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 51،449 އެކެވެ. އައްޑޫ ސިޓީން ވޯޓްލުމުގެ ހައްޤު ލިބިފައިވަނީ 25،055 މީހުންނަށެވެ. ފުވައްމުލަކު ސިޓީގެ ވޯޓާސް ލިސްޓުގައި 9177 މީހުން ހިމެނޭއިރު ކުޅުދުށްފުށީ ސިޓީގެ އަދަދަކީ 6825 މީހުންނެވެ. މީގެއިތުރުން ދެން ހުރި ހުރިހާ އތޮޅުތަކާއި ރަށްތަކުގެ ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ޖުމްލަ އަދަދަކީ 1،79،924 ( އެއްލައްކަ ހަތްދިހަ ނުވަހާސް ނުވަސަތޭކަ ސައްވިސް )އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެޗްޕީއޭގެ ގައިޑްލައިންތަކުގައި ވާ ގޮތުން އެންމެ ވޯޓް ފޮއްޓެއް ހުންނަ ކޮންމެ މަރުކަޒެއްގައި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 9 އޮފިޝަލުން ހަރަކާތްތެރިވާންޖެހޭނެ ކަމަށެވެ. އަދި 2 ފޮށި ހުންނަ ކޮންމެ މަރުކަޒެއްގެގައި 14 އޮފިޝަލުން ތިބެންޖެހޭކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ. މި އަދަދުތަކާއި އެކު މިފަހަރުގެ އިންތިޙާބުގައި ވޯޓްލާ މަރުކަޒުތަކާއި ހަރަކާތްތެރިވުމާއި އެހެނިހެން ކަންކަމަށް ޖުމްލަ 10،000 އޮފިޝަލުން ބޭނުންވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާނީ 3،934 ކެނޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ. އިންތިޚާބު އޮންނާނީ އޭޕްރީލް10 ގައެވެ.
ކޮމެންޓު ފޮނުވާ