އައްޑޫ ސިޓީގައި އިތުރު ލިންކު ރޯޑެއް ޤާއިމްކުރުމުގެ މަޝްރޫޢޫއާއި، އިތުރު މަގުތައް ތަރައްޤީކޮށް ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 1.19 ބިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޑެޓާއި 730 ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުުގެ ގޮތުން އައްޑޫ ފޭދޫ ފިޔަވާ ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި މަޝްރޫޢުގެ ދަށުން އައްޑޫގައި ޖުމްލަ 40 ކިލޯ މީޓަރުގެ މަގު ތާރު އަޅާއިގެން ހެދުމަށް ހަމަޖެހިފައިވާއިރު، ތާރު އެޅައިގެން ތަރައްްޤީކުރާ މަގުތަކުގެ އިތުރުން 60 ކިލޯމީޓަރުގެމަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ. ސީއެސްބީ ލޭޔަރގެ މަޤްޞަދަކީ ޤާއިމްކުރެވޭ ފެން ހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލައަކުން ރައްކާތެރިކުރުންކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢޫގެ ދަށުން ތަރައްޤީކުރާ މަގުތަކުގައި މަގުބައްތި ޖެހުމާއި، ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ޓްރެފިކް ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައްވެސް ޤާއިމްކުރުން ހިމެނެއެވެ.
މީގެ އިތުރުން އައްޑޫސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނދުން ހަންކެނޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫ ގުޅާލުމަށްޓަކައި1.463 މީޓަރުގެ އައު4 ލެންގެ ޑީޓުއަރ ލިންކް ރޯޑެއް ޤާއިމްކުރުމަށްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި އެއްބަސްވުމުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓޤރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ފާޠިމަތު ޝާނާ ފާރޫޤް އެވެ. އަދި އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑްގެ ފަރާރުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ.
ކޮމެންޓު ފޮނުވާ