ފަލަސްތީނުގެ ބިމުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބެލުމުގެ އިހުތިސާސް އެކޯޓަށް ލިބިގެންވާ ކަމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އިސްރާއީލުގެ ދެކޮޅު ހެދުމާއެކުވެސް، ބައިނަލް އަގުވާމީ ކްރިމިނަލް ކޯޓުން މިނިންމި ނިންމުމާއެކު، ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލްތައް ތަހުގީގު ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
ބައިނަލް އަގުވާމީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ، އެކޯޓުގެ މިނިންމުމަކީ، އެއްވެސް ގައުމެއްގެ ގައުމީ ހައިސިއްޔަތު ބަލައި ނުގަތުމާއި ނުވަތަ ސަރަހައްދީ ރޮގާ ގުޅޭގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާ ގުޅުން ހުރި ނިންމުމެއް ނޫން ކަމަށާއ، އަދި މި ނިންމުމަކީ، އެކޯޓު އުފެއްދުމަށް އެއްބަސްވެވިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ފަނޑިޔާރުން ނިންނަމާ ގާނޫނީ ނިންމެވުމެއް ކަމުގައެވެ.
ބައިނަލް އަގުވާމީ ކްރިމިނަލް ކޯޓުގެ މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހިމެނިފައި ނުވާ އިސްރާއީލުން ވަނީ މިކޯޓުގެ ގާނޫނީ ހައިސިއްޔަތު ބަލައި ނުގަންނާނޭ ކަމަށް ބުނެފައެވެ.
ބައިނަލް އަގުވާމީ ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓްރ ފަޓޫ ބެންސޯޑާ ވިދާޅުވެފައިވަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި "ޖެރޫސެލަމް އަދި ގާޒާ ސްޓްރިޕްވެސް ހިމެނޭ ގޮތުން ވެސްޓް ބޭންކު ސަރަހައްދުގައި އިންސާނިއްޔަތާ ޚިލާފު، ހަގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ގަބޫލުކުރެވޭ ވަރުގެ ހެކިތައް ހުރިކަމަށް ގަބޫލު ކުރެވޭ" ކަމަށެވެ.
އަދި އޭނާވަނީ، މި ޖަރީމާތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުގެ ގޮތުގައި، އިސްރާއީލުގެ ޑިފެންސް ފޯސްއާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސްޖައާތުގެ ނަން ފާހަގަ ކުރައްވާފައެވެ.
އެހެންނަމަވެސް، މިތުހުމަތުތައް ތަހުގީގު ކުރަން ފެއްޓުމުގެ ކުރިން، މި ޖަރީމާތައް ބެލުމުގެ އިހުތިސާސް ބައިނަލް އަގުވާމީ ކްރިމިނަލް ކޯޓަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯ އެކޯޓުގެ ފަނޑިޔާރުން ނިންމުމަށްވެސް އޭނާވަނީ އެދިވަޑައިގެންފައެވެ.
ކޯޓުގެ ޕްރޮސެކިއުޓަރުގެ މި އެދިވަޑައިގަތުމަށް، ފަސްތީނުގެ ބިމުގައި ހިންގާފައިވާ މި ޖަރީމާތައް ބެލޭނެކަމަށް ކޯޓުފެ ފަނޑިޔާރުން އާބަސް ވިދާޅުވެފައިވަނީ ހުކުރުދަވަހުގެ ރޭގައައެވެ.
"ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން، އިސްރާއީލުން 1967 ގައި ހިފާފައިވާ ބިންތަަކަށް (ގާޒާ، ވެސްޓު ބޭންކް، އިރުމަތީ ޖެރޫސެލަމްވެސް ހިމެނޭގޮތުން) ކޯޓުގެ އިހުތިސާސްތައް ހިގާނެކަމަށް ނިންމަން،" ކޯޓުގެ ނިންމުމުގައި ލޔުއްވާފައި ވެއެވެ.