ރަޝިއާގެ ރައީސަށް ފާޑު ވިދާޅުވަމުން ގެންދަވާ، އެގައުމުގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާނީ، މޮސްކޯގައި އޮތް އޭނާގެ ޝަރީއަތުގެ އަޑުއެހުމުގައި، އޭނާއާއި ދެކޮޅަށް ދައުވާ ކުރާ ޕްރޮސެކިއުޓަރުންނާ ދެމެދު ޝަރީއަތުގެ މަޖިލީހުގައި ހިގި ހޫނުގަދަ ބަހުގެ ހަމަލާތަކެއްގައި، ރަޝިއާގެ ރައީސަކީ އެގައުމުގެ ހަރު މުދަލުން ވައްކަން ކުރަމުންދާ ވަގެއް ކަމުގައި ވިދާޅުވެއްޖެއެވެ.
މިހަފްތާގެ އަންގާރަދުވަހު ނަވާލްނީ ކޯޓަށް ހާޒިރު ކުރެވުނީ، ކުރިން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުން ލަސްކުރުމަށް އޭނާ ރަޝިއާގެ ޕެނިޓެންޝަރީއާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފްވި މައްސަލާގެ ޝަރީއަތުގެ އަޑުއެކުމަކަށެވެ.
ނަވާލްނީ ހައްޔަރު ކޮށްފައިވަނީ މީގެ 2 ހަފްތާކުރިން، ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި ހުންނެވުމަށްފަހު އެބުރި ގައުމަށް ވަޑައިގަތުމާއެކު އެއްރޕޯޓުންނެވެ. ނަވާންނީގެ މައްޗަށް ތުހުމަތު ކުރަނީ، 2014 ވަނަ އަހަރު އޭނާއަށް ކޮށްފައިވާ ހުކުމެއްގެ ޕެރޯލްގެ މުއްދަތުގައި، އެބަސްވެފައިވާ ޝަރުތުތަކާ ޚިލާވެފައިވާ ކަމުގެ ތުހުމަތުތަކެވެ.
ނަވާލްނީ ވަނީ މިތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ، ސިޔާސީ ތުހުމަތުތަކެއް ކަމުގައެވެ.
ރަޝިއާގެ ޕްރިޒްން އޮތޯރިޓީތަކުން މަސައްކަތް ކުރަމުންދަނީ، ތަންފީޒުކުރުން ފަސްކުރާގޮތަށް ކުރިން ކޮށްފައިވާ ހުކުމުގެ މުއްދަތު 3.5 އަހަރަށް ބަދަލުކޮށް އެމުއްދަތަށް ނަވާލްނީ ޖަލަށްލުމަށެވެ. އަދި ބެލެވޭ ގޮތުގައި މި ދައުވާއާއި ގުޅިގެން ފާއިތުވެދިޔަ ހަފްތާތަކުގައި ރަޝިއާ ސަރުކާރާ ދެކޮޅަަށް އެގައުމުގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާ މުޒާހިރާތައް އަލުން އިތުރަށް ވަރުގަދަ ވެގެންދާނެއެވެ.
ފާއިތުވެދިޔަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހު އެބުރި ރަޝިއާއަށް ވަޑައިގެންނެވުމުގެ ކުރިން ނަވާލްނީ ވަނީ 5 މަސްދުވަހު ޖަރުމަނުވިލާތުގައި ހުންނަވާފައެވެ. ޖަރުމަނުގައި ހުންނެވީ، އޭނާއަށް ވިހަދިނުމުގެ ސަބަބުން ކުރިމަތިވި ސިއްޙީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށެވެ. ނަވާލްނީ ތުހުމަތު ކުރާގޮތުގައި އޭނާއަށް، މިލިޓްރީ ގްރޭޑްގެ ކެމިކަލެއް ކަމުގައިވާ ނޮވިޗޮކް ވިހަ ދިނުމުގެ އަޑީގައި އޮތީ ރަޝިއާގެ ސަރުކާރެވެ. އެހެންނަމަވެސް ކްރެމްލިންއިން ވަނީ މިތުހުމަތުތައް ދޮގު ކޮށްފައެވެ.
ކޯޓުގައި ނަވާލްނީވަނީ، ކޯމާއެއްގައި އޮންނަވައިގެން، އޭނާވީ ތަނެއްގެ މައުލޫމާތު ރަޝިއާގެ އިދާރާތަކަށް ފޯރުކޮށްދޭނީ ކިހިނަކުންތޯ ފަނޑިޔާރާއި ސުވާލު ކޮށްފައެވެ.
"ކޯމާއެއްގައި އޮވެގެން، އަހަރެން ޕްރޮބޭޝަންގެ ޝަރުތުތައް ފުރިހަމަކޮށް، އަދި އަހަރެން ހުރިތަނެއްގެ މައުލޫމާތު އިދާރާތަކަށް ދޭނެ ގޮތެއް އަހަރެންނަށް ކިޔައިދީބަލަ؟" ކޯޓު ރޫމުގައި ހަދާފައި ހުރި ބިއްލޫރި ކޮށްޓެގައި ކޮޅަށް ހުރެ ނަވާލްނީ ފަނޑިޔާރާ ސުވާލު ކޮށްފައި ވެއެވެ.
ނަވާލްނީގެ މިސުވާލުގެ ޖަވާބުގައި ރަޝިއާގެ ޕްރިޒަންސް ސާވިސްގެ ފަރާތުން ކޯޓުގައި ތަމްސީލުކުރި ފަރާތުންވަނީ، އޭނާއަށް އިންސްޕެކްޝަނަށް ހާޒިރު ނުވެވުނީ، އޭނާއަށް ކުރިމަތިވެފައިވާ ސީރިއަސް ހާލަތާއި ގުޅިގެންކަން އެގެންހުރި ލިޔެކިއުންތައް ޕްރިޒްންސް އިދާރާއަށް ހުށަހަޅާފައި ނުވަނީ ކިހިނެއްވެގެންތޯ ސުވާލު ކޮށްފައެވެ.
މި ސުވާލުގެ ޖަވާބު ނަވާލްނީ ދިނީ ވަރަށް ކުރުކޮންނެވެ. "ކޯމާ" ނަވާލްނީ ވިދާޅުވިއެވެ. "ތި ބޭފުޅާ މިތަނުގައި އިންނަވައިގެން، އަހަރެން ހުރިތަނެއް ނޭގޭކަމަށް ކޯޓުގައި ތި ވިދާޅުވާ ސަބަބަކީ ކޮބާ؟ އަހަރެން އޮތީ ކޯމާއެއްގައި، ދެން އައިސީޔޫގައި، ދެން އެއަށްފަހުން ރިހިބިލިޓޭޝަންގައި. އަހަރެންގެ ގާނޫނީ ވަކީލުންނަށް އަހަރެން އޮންނާނީ ދަންނަވާފަ މި މައުލޫމާތު ތިޔަ އިދާރާއަށް ދިނުމަށް. ތިބޭފުޅާ އަތުގައި އަހަރެންގެ އެޑްރެސް އޮތް، ގުޅޭނެގޮތުގެ މައުލޫމާތު ހުރި. ތި ބޭފުޅުންނަށް މައުލުމާތު ފޯރުކޮށް ދިނުމަށް ދެން އިތުރަށް ކޮންކަމެއްތޯ އަހަރެންނަށް ކުރެވެން އޮތީ؟" ނަވާލްނީ ވިދާޅުވިއެވެ.
"ލައިވްކޮށް ޓީވީގައި މިގައުމުގެ ރައީސް ވިދާޅުވެފައިވޭ، އަހަރެންގެ ބޭސްފަރުވާއަށް ޖަރުމަނުވިލާތަށް ފުރައިގެން ދިއުމުގެ ހުއްދަދިންކަމަށް، އެކަމަކު އެކަންވެސް ތިބާފުޅާއަށް އެގިފައި ނުވާކަމަށްތަ ތިބުނަނީ؟" ޕްރިޒަން އޮތޯރިޓީންއިން ކޯޓަށް ވަޑައިގެންނެވި އެއޮތޯރިޓީ ތަމްސީލު ކުރެއްވި އޮފިޝަލަށް މުޚާތަބުކޮށް ނަވާލްނީ ވިދާޅުވެފައި ވެއެވެ.
ކޯޓުގައި ހިގައިދިޔަ ހޫނު ބަހުސްގައި ނަވާލްނީ ވިދާޅުވެފައިވަނީ، ރަޝިއާގެ ރައީސްއަކީ، "ބަންކަރުގައި ފިލައި އޮތް ވަގެއް" ކަމުގައެވެ. އަދި ރަޝިއާގެ ރައީސް ޕުޓިން، އޭނާ ރަޝިއާގެ ފަސްގަޑުގައި ފައި ޖެއްސުމަށް ބޭނުން ނުވާކަމަސްވެސް ނަވާލްނީ ވަނީ ވިދާޅުވެފައެވެ.
2020 ވަނަ އަހަރުގެ އޮގަސްޓުމަހު، މިލިޓަރީ ގްރޭޑްގެ ވިހަ ކެމިކަލެއް ކަމުގައިވާ ނޮވިކޮކް ބޭނުންކޮށްގެން ނަވާލްނީއަށް ވިހަދިނުމުގެ ސަބަބުން އޭނާއަށް މަރާ ހަގުރާމަ ކުރަންޖެހުނެވެ. މި ވިހަ މާއްދާގެ ބޭނުންކޮށްގެން އޭނާއަށް ވިހަދީފައިވަނީ، ސާބިއާއަށް ކުރި ދަތުރަކަށްފަހު އެބުރި ރަޝިއާއަށް ވަޑައިގަތް މަގުމަތީގައެވެ.
ސީއެންއެންއާ އަދި ބެލިންކެޓް ނަމަކަށް ކިޔާ ގްރޫޕެއް ގުޅިގެން ހިންގި ތަހުގީގަކުންވަނީ، ނަވާލްނީ ސާބިއާއަށް ކުރި ދަތުރުގައި، ރަޝިއަން ސެކިއުރިޓީ ސާވިސް (އެފްއެސްބީ)ގެ ޓީމަކުން އޭނާއަށް ވިހަ ދިނުމަށް އެދަތުރުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީ ހޯދާފައެވެ. ވިހަވެ ނަވާލްނީ ބަލިވެފައިވަނީ، މިދަތުރުގައި ސާބިއާއިން ރަޝިއާގެ މޮސްކޯއަށް ދިއުމަށް ކުރި ދަތުރުގައި ފްލައިޓް މަތީގައެވެ.
ޖަރުމަނުގައި ހުންނަވައިގެން، ވިހައިގެ އަސަރު ހަށިގަޑުން ފިލަންދެން ފަރުވާ ހޯދުމަށްފަހު، އެބުރި ރަޝިއާއަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން އަމިއްލަ އިންސްޓަރގްރާމް އެކައުންޓުގައި ޝާއިއުކުރި ޕޯސްޓެއްގައި ނަވާލްނީ ވަނީ އޭނާގެ ފަރުވާއަށް ވެދެއްވި އެހީތެރިކަމަށް ޖަރުމަނުވިލާތަށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ