ކޯވިޑް-19ގެ ވެކްސިނާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން ޞައްޙަ ނޫން މަޢުލޫމާތު ފެތުރުން ހުއްޓާލުމަށް އިލެކްޝަން އިލްތިމާސް ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، ދިވެހިރާއްޖޭގައިވެސް ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ އިރު، ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަދެއްކެވުމަކީ، ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތުގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާކަމެއްކަމަށެވެ.
އަންނަ އެޕްރީލް މަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވުމަށް ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު ކެމްޕޭން ކުރުމަށާއި، އިންތިޚާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާޙައުލެއް ޤާއިމްވެފައި އޮތުމަކީ އިންތިޚާބުގެ ވޯޓާރސް ޓާންއައުޓް މަތިވެ، ގިނަ ބައެއްގެ ބައިވެރިވުން އިންތިޚާބަށް ލިބިގެންދާނެކަމަކަށް ވާތީ، ކޯވިޑް-19 އަދި ކޯވިޑް-19 އަށް ރައްކާތެރިވުމަށް ދެވޭ ވެކްސިން ގުޅެގޮތުން ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުއްވުމަށް އަދި މި ވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީގެ މެންބަރުންނަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އިލެކްޝަނުން މިފަދަ ބަޔާނެއް ނެރެފައިވަނީ އިދިކޮޅު ޕީޕީއެމްއިން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންގެ ކަށަވަރުކަން ރައްޔިތުންނަށް ހާމަކޮށް ވެކްސިންގެ ތަފްސީލް ދިނުމަށް ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ