ދީބާޖާ މައްސަލާގައި ސްޕްރީމްކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތްކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެމައްސަލަ ރިވިއުކުރުމަށް ސުޕްރީމްކޯޓަށް އެޓާނީ ޖެނެރަލް ހުށަހެޅުއްވިތާ އަހަރަކަށްވުރެ ގިނަ ދުވަސްވާއިރުވެސް މައްސަލަ ނުބެލޭކަމީ ދައުލަތުގެ އަދުލު އިންސާފު އޮތްގޮތް ހާމަވާކަމެއްކަމަށް މާލެސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމި ނިންމުން މަޑުޖައްސާލައި އެ މައްސަލަ ސުޕްރީމް ކޯޓްގައި މުރާޖަޢާކުރަން ދެންނެވުމަށް ބަނޑާރަ ނާއިބަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ. ދީބާޖާ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
މިމައްސަލަ ނުބަލައި ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް އަލްހާން ވިދާޅުވީ މިމައްސަލަ ގައި ބަދަލު ދޭންޖެހޭކަމަށް ނިންމާފައިވަނިކޮށް މައްސަލަ އަލުން ބަލައިދޭން ސްޕްރީމްކޯޓަށް ވައްދައިގެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށެވެ ނަމަވެސް މިމައްސަލަ ކުރިއަށް ނުގޮސް ހިފަހައްޓައިގެން ތިބޭ ތިބުމަކީ ދައުލަތުގެ ތެރޭގައި އަދުލު އިންސާފު އޮތްމިންވަރު ހާމަވާ ކަމެއްކަމަށެވެ.
ޙުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި އޮތް ދީބާޖާ ކުންފުންޏަށް ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ޖެހޭ މައްސަލަ، އަލުން ބަލަން ސަރުކާރުން ސުޕްރީމް ކޯޓަށް ވައްދައިގެން ތިބޭތާ އަހަރަކަށްވުރެ ގިނަވީ! މެޖޯރިޓީ އޮތަތީ އަދުލު އިންސާފު އަންބޮނޑިއަށް ލައިގެން އަބަދަކު ނުތިބެވޭނެ!
– އަލްހާން ވިދާޅުވިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއި އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ރައީސް އުފެއްދެވި ސެޓްލްމަންޓް ކޮމިޓިން ވަނީ ނިންމާފައެވެ.
ދީބާޖާއަށް މިހާތަނަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާ ދީފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައިއެވެ.
ކޮމެންޓު ފޮނުވާ