ޒުވާނުންގެ ތަފާތު ވިޔަފާރީގެ ޚިޔާލުތަށް ހުށަހެޅުމަށް ހާއްސަ މުބާރާތެއް ބޭއްވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ތައްޔާރުވެއްޖެ އެވެ.
އިކޮނޯމިކް މިނިސްޓްރީގެ ދަށުން ވިޔަފާރިތަށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ބީސީސީ މެދުވެރިކޮށް ދިވެހި ޒުވާނުން ވިޔަފާރީގެ މާހައުލަށް އަހުލުވެރިކުރުމަށް މިނިސްޓްރީން އަންނަނީ ގިނަގުނަ ޕްރޮޖެކްޓްތައް ހިންގަމުންނެވެ.
އޭގެތެރޭގައި ހިމަނައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ފުޅާ ދާއިރާއެއްގައި ބާއްވާ އެންމެ ވަރުގަދަ ބިޒްނަސް ޕިޗް ކޮމްޕެޓިޝަން ބާއްވަން ބީސީސީން މިހާރު ތައްޔާރުވަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ނަމަވެސް މި މުބާރާތް ބާއްވާނެ ވަކި ތާރީހެއް އަދި ކަންޑައެއް ނާޅައެވެ.
ބީސީސީން ބުނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލާ މި ފުރުސަތުގައި ތަފާތު ދާއިރާތަކުން ވިޔަފާރީގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ދެވިގެންދާނެކަމަށެވެ. އެގޮތުން ވަކިވަކި ފަރުދުންގެ ގޮތުގައްޔާއި ޓީމެއްގެ ގޮތުގައިވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
"މިއީ ރާއްޖޭގެ ޒުވާނުންގެ ތެރެއިން ވިޔަފާރިއަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވާލެވޭ ރަނުގެ ފުރުސަތެއް"
– ބީސީސީ
މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކޮވިޑްގެ މި ހާއްސަ ހާލަތާގުޅިގެން ރާއްޖޭގެ އިގްތިސާދާއި ވިޔާފާރިތަކަށް އައިސްފައިވާ ހީނަރުކަން ނައްތާލާ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކުރުން ކަމަށް ބީސީސީން ބުނެއެވެ.
"މި މުބާރާތުގެ ތެރެއިން 300 ޒުވާނަކަށް ވިޔަފާރި ފެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ"
– ބީސީސީ
މި ޕިޗް ކޮމްޕެޓިޝަންގެ އިތުރުން ކުދި ވިޔަފާރިތައް ކުރިއަރުވާ ތަރައްގީކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުންދަނީ ގިނަ ޕްރޮޖެކްޓްތަކެއް ރާވާ ހިންގަމުންނެވެ. އެގޮތުން ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޯ ޝެއަރިންގ ކިޗަން، ކޯ ވޯކް ސްޕޭސް، ޕެކޭޖިންގ ފެސިލިޓީ، ޕްރޮޑަކްޓް ސަރޓިފިކޭޝަންގެ ޚިދުމަތް، އަދި އެސްއެމްއީ ރޭޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތާއި އިންކިއުބޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ