އަދާލަތު ޕާޓީގެ ރައީސް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ އާއި އެ ޕާޓީގެ މިހާރުގެ ވެސް ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކުރިމަތި ލައްވައިފި އެވެ.
އަދާލަތު ޕާޓިން މިރޭ ވަނީ އެޕާޓިގެ ރައީސްކަމަށް ވާދަކުރަން ހުޅުވާލި ފުރުސަތުގެ ވަގުތު ހަމަވީއިރު، ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން ހާމަކޮށްފަ އެވެ. އެގޮތުން އިއްޔެ 16:00 އަށް ސުންގަޑި ހަމަވީއިރު ކުރިމަތިލާފައި ވަނީ ކެނޑިޑޭޓް ނަމްބަރު 1 ޑރ. އަޙްމަދު ޒާހިރު އަލީ، (ދަފްތަރު ނަމްބަރު 2555) އަދި ކެނޑިޑޭޓް ނަމްބަރު 2 ޢިމްރާން ޢަބްދުﷲ، (މަލްހާރު، މ. ކޮޅުފުށި) ކަމަށް އަދާލަތު ޕާޓިން ބުނެއެވެ.
މީގެ އިތުރުން ޑރ. އަޙްމަދު ޒާހިރު އަލީގެ ރަނިންގމޭޓްގެ ގޮތުަގައި ޕާޓީގެ ނައިބު ރައީސްކަމަށް އަޙްމަދު ނަޝީދު، (ދަފްތަރު ނަމްބަރު 3851) އަދި ޢިމްރާން ޢަބްދުﷲގެ ރަނިންގމޭޓްގެ ގޮތުަގައި ޕާޓީގެ ނައިބު ރައީސްކަމަށް އަޙްމަދު ޝަރީފް (ގ. އަލިޝާ)، ކުރިމަތިލައްވާފައި ވާކަމަށް އެ ޕާޓިން ބުނެއެވެ.
ޢަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ އިންތިޚާބު އޮންނަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މިމަހުގެ 27 ވާ ބުދަ ދުވަހުގެ މެންދުރު 2 ގެ ނިޔަލަށް ޢަދާލަތު ޕާޓީގެ މެންބަރެއްގެގޮތުގައި ރަޖިސްޓްރާ ބަލައިގަންނަ މެންބަރުންނަށް ކަމަށް އެ ޕާޓީން ބުނެއެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށްވެސް މިމަހުގެ 27 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެ ޕާޓިން ވަނީ ހުޅުވާލާފައެވެ.
އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމަށް އަންހެނުންނަށްވެސް ވާދަކުރެވޭ ގޮތް ހަދައި އިންތިޚާބަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދާލަތު ޕާޓީން ބުނީ ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފަސްކޮށްފައިވަނީ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ޤަވާޢިދަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ