ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް މައްސަލާގައި ހުކުމް އިއްވުމަށް ހައިކޯޓުގައި ޝަރީޢަތުގެ މަޖިލީސް ކުރިއަށްދާ ވަގުތު ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން އަޑުއުފުލަން ފަށައިފިއެވެ.
މި މައްސަލާގައި މިއަދު ކުރިއަށްދަނީ ހުކުމް އިއްވުމުގެ މަޖިލީހެވެ. ހައި ކޯޓު ހިމެނޭ ސަރަހައްދުގައި ކުރިއަށްދާ އެއްވުމުގެ ބައިވެރިން ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ ގެންދަނީ އަޑު އުފުލަމުންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މިހުކުމް ކުރުމަށް ފުރަތަމަ ތާވަލު ކޮށްފައިވަނީމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް ހައިކޯޓުން ހުކުމް އިއްވުން ލަސްކުރީ މިއަދަށެވެ.

އިސްތިއުނާފުގެ އެންމެ ފަހު އަޑު އެހުމުގައި ރައީސް ޔާމީންވަނީ ގއ. ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ރަށެއްނޫންކަމަށް ވިދާޅުވެފައެވެ. އެރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އެއްވެސް ވާހަކައެއް ރައީސް ޔާމީނާހަމައަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ކަމުގައި ހުންނަވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު އެކައުންޓަށް ޖަމާވި ފައިސާ ރައީސް ޔާމީން އިންވެސްޓްކޮށްފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ