އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި ކޯވިޑް ވެކްސިންގެ 100000 ޑޯޒާއި ރާއްޖޭން ހަވާލުވެއްޖެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓްގެ ވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރަޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. މި ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިއަދު މެންދުރުފަހު އިންޑިއަން އެއަރލައިންސްގެ ފްލައިޓެއްގައެވެ. އަދި ދިވެހި ރާއްޖޭގެ ފަރާތުން ވެކްސިނާ ހަވާލުވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ.
ރާއްޖެއަށް މިއަދު ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ހިލޭ ފޯރުކޮށްދިން އެހީއެއް ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިއަދު މެންދުރު ޤައުމާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، މި ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއްކަމަށެވެ. އެކަމަށްޓަކައި އިންޑިއާގެ ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު ދަންނަވާފައެވެ.
ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފައި ވާއިރު، ރާއްޖެއަށް އިތުރަށް ބޭނުންވާ ވެކްސިންވެސް ލިބޭނެ މަގުތައްވެސް މިހާރު ފަހިވެފައި ވާކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ