މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިޢުކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.
މި ފޮތް އެ މަނިކުފާނުގެ އަތްޕުޅަށް އަރުވާފައި ވަނީ، މި ކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްޑަބްލިއުއެސްސީ އަކީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގިނަ ރަށްތަކެއްގެ ރައްޔިތުންނަށް ނުހަނު މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ. އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ ފެނާއި ނަރުދަމާގެ އެކިއެކި މަޝްރޫޢުތަކަކީ، ދިވެހި ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަމުންދާ މަޝްރޫޢުތަކާއި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކޮށްފައިވާ ފޮތުގައި އެމްޑަބްލިއުއެސްސީގެ 25 އަހަރުގެ ދިގު ތާރީޚުގައި ޙާޞިލްކޮށްފައިވާ ފާހަގަކޮށްލެވޭ ލަނޑުދަނޑިތަކުގެ ތަފްޞީލުތައް ހިމަނާފައިވެއެވެ. އަދި 1902 ވަނަ އަހަރުން ފެށިގެން މާލޭގެ ފެނާއި ފާޚާނާކުރުމުގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތުގެ މުހިންމު މަޢުލޫމާތާއި، ފެނާއި ނަޖިހުގެ ހާލަތާމެދު މާލޭގައި އެންމެ ފުރަތަމަ ކުރެވުނު ޢިލްމީ ދިރާސާ ރިޕޯޓުން ފެށިގެން އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މި ފޮތުގައި ހިމަނާފައިވެއެވެ.
ކޮމެންޓު ފޮނުވާ