އެއް ލައްކަ ޑޯޒްގެ ވެކްސިން، މިއަދު އަންނަ އެއަރ އިންޑިއާ ފްލައިޓުން އެބަ ގެނޭ: ނަޝީދު

އެއް ލައްކަ ޑޯޒްގެ ވެކްސިން، މިއަދު އަންނަ އެއަރ އިންޑިއާ ފްލައިޓުން އެބަ ގެނޭ: ނަޝީދު

Author
ޢަލީ އާދަމް
20 ޖެނުއަރީ 2021 10:56
0

އިންޑިއާގެ އެހީއާއެކު ރާއްޖެ ގެންނަ 100،000 ޑޯޒްގެ ކޯވިޑް ވެކްސިނާއެކު އެއަރ އިންޑިއާގެ ފްލައިޓް މިއަދު ރާއްޖެއަށް އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ އިންޑިއާގެ އެހީއާއެކު ރާއްޖެއަށް ފޯރުކޮށްދެނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ ވެކްސިން ކަމަށެވެ. އަދި މިއީ ރާއްޖެ މި ވައިރަހުގެ ބިރުވެރިކަމުން ސަލާމަތްވުމުގެ މަރުހަލާގެ ފެށުން ކަމަށްވެސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ދިމާވި ކޮންމެފަދަ ހާދިސާއެއްގައި ވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އެންމެ ގާތް އަދި ބަރޯސާވެވޭނެ ގައުމަކަށް އޮތީ އިންޑިއާ ކަމަށެވެ. އެގޮތުން ސުނާމީ ކާރިސާއަށް ބެލިޔަސް، 1988 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތް ހުޓުވުމަށް ބެލިޔަސް، ނުވަތަ މާލެފެނައް ޖެހުމުގެ ހާދިސާ އާއި ކޮރޯނާއިން ސަލާމަތްވުމުގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ދީފައިމިވަނީ އިންޑިއާއިން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާނީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ ހުއްދަ އޮންނަ ވެކްސިނެއް ކަމަށާއި، ވެކްސިން ބޭނުންކުރާނީ އެ ޖެހުމުން އަންނަ ސައިޑް އިފެކްޓްތަކަށް ރަނގަޅަށް ބެލުމަށްފަހުކަމަށް އެޗްޕިއޭއިން ވަނީ ބުނެފައެވެ.

އިންޑިއާއިން ކޯވިޑް-19ގެ ވެކްސިން ފޮނުވާ ފުރަތަމަ ޤައުމަކީ ދިވެހިރާއްޖެކަމަށް އިއުލާން ކޮށްފައި ވާއިރު މިވެކްސިންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ކަމާއިބެހޭ އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައި ނުވާތީ ވެކްސިނާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ވެކްސިންގެ ޔަގީންކަން ރައްޔިތުންނަށް ދިނުމަށް އެންމެ ފުރަތަމަ ރައީސް ޞާލިހާއި، ކެނިބެޓް ވަޒީރުން ވެކްސިން ޖައްސަވަން ޖެހޭކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.