ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގްރާމް މިހާތަނަށް 1،028 ޒުވާނުން ފުރިހަމަކޮށްފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު 300 ޒުވާނުން ޕްރޮގްރާމުގައި ތަމްރީންވަމުންދާ ކަމަށާއި، މި ސަރުކާރު އޮތްހާ ހިނދަކު ކޮންމެ އަހަރަކު މަދުވެގެން 1،000 ޒުވާނުން ތަމްރީންކުރާނެ ކަމަށެވެ. އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުވާ ވަރަކުން އެ އަދަދު 1،500 އަށް އިތުރުކުރުމަށް އުންމީދުކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވަތަނީ ހިދުމަތަކީ ޒުވާނުން ބިނާކުރުމުގެ މާތް މަގްސަދެއްގައި ފެށި މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން އެތައް ހާސް ޒުވާނުންނަށް ފުރުސަތު ފަހިވެ، އެތައް އާއިލާއަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ބޮޑެތި އިމާރާތްތައް ހެދުމަށްވުރެ ގައުމަށް ވަފާތެރި، މައިބަފައިން ފަހުރުވެރިވާނެ ޒުވާނުން ބިނާކުރުމަކީ މާ އަގުބޮޑު ކަމެއް ކަމަށެވެ.
ދިވެހި ވަތަނީ ހިދުމަތުގެ މައިގަނޑު މަގްސަދަކީ ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަހުލާގީ ގޮތުން ހަރުދަނާ، ފަންނީ ގޮތުން ހުނަރުވެރި، ގައުމަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމެވެ.
ކޮމެންޓު ފޮނުވާ