2027 ވަނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ ޚިދުމަތްތަކަށް 3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ހާމަކުރައްވައިފިއެވެ.
ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ރައްޔިތުން ކުރިމަތިލާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެލުމުގެ ދަށުން އަންނަ އަހަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުން މާލެ ސަރަޙައްދުގެ ތޮއްޖެހުމަށްވެސް ޙައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފައިސާގެ ތެރެއިން 750 މިލިއަން ރުފިޔާ ވަނީ ގެ ގަތުމަށާއި ގެ އިމާރާތްކުރުމަށް ދޫކުރާ ޚާއްޞަ ލޯނު ސްކީމެއްގެ އިކުއިޓީގެ ގޮތުގައި ކަނޑައަޅާފައެވެ. ބިން އޮތް ނަމަވެސް ގެ ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ގިނަ އާއިލާތަކަކަށް މި ސްކީމުން އަމިއްލަ ގެއެއް ލިބުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގައި ހުރި ހުސްބިންތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް، ދިރިއުޅުމަށް ތައްޔާރުކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ހަލުވިކޮށް ކުރިއަށް ގެންދާނެއެވެ.
ކޮމެންޓު ފޮނުވާ