2027 ވަނަ އަހަރަށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

Author
އަހުމަދު
29 އޮކްޓޯބަރ 2026 04:58
0

ސަރުކާރުގެ ސްޓްރެޓަޖިކް އަމާޒުތައް ޙާޞިލުކުރުމުގެ ގޮތުން، 2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާގައި ޤައުމީ ބަޖެޓް ހުށަހަޅަމުން މާލިއްޔަތު ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒުތައް ޙާޞިލުކުރުމަށްޓަކައި 2027 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 59,704,440,795 ރުފިޔާ (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުސަތޭކަ ސާޅީސް ހާސް، ހަތްސަތޭކަ ނުވަދިހަ ފަހެއް ރުފިޔާ) ގެ ބަޖެޓެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި އަދަދަކީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ މަދު އަދަދެއް ކަމަށެވެ.

ހުށަހަޅާފައިވާ ބަޖެޓުގައި ދައުލަތުގެ ޖުމްލަ ޚަރަދު ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ ރިކަރަންޓް ނުވަތަ ހިންގުމުގެ ޚަރަދުތަކަށް ކަމަށާއި، ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ވަޒީރު ޒަރީރު ވިދާޅުވީ، ކެޕިޓަލް ޚަރަދުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

ބަޖެޓުގެ ލަފާކުރުންތަކަށް ބަލާއިރު، އަންނަ އަހަރު ދައުލަތަށް އާމްދަނީއާއި އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އަދަދަކީ ކުރީ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ސަރުކާރުގެ ޚިދުމަތްތައް ދެމެހެއްޓުމާއި، ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުމުގެ ކުރިން، މަޖިލީހުގެ ކޮމިޓީތަކުން ބަޖެޓް ދިރާސާކޮށް މަޝްވަރާކޮށް، ބޭނުންވާ އިޞްލާޙުތައް ހުށަހަޅައި ބަޖެޓް ނިންމާނެއެވެ. ބަޖެޓް ފާސްވުމުން، އެ ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.