ކުޑަކުދިންނަށް ގޯނާކުރުމުގެ ތުހުމަތު: މޭގަން ބައްޕައާ ގުޅުން މުޅިން ކަނޑާލައިފި

ކުޑަކުދިންނަށް ގޯނާކުރުމުގެ ތުހުމަތު: މޭގަން ބައްޕައާ ގުޅުން މުޅިން ކަނޑާލައިފި

Author
އަހުމަދު
26 އޮކްޓޯބަރ 2026 08:28
0

އިނގިރޭސި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް، އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް މިދިޔަ އަހަރު ކަނޑާލީ، ބައްޕައާ ދެކޮޅަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތައް ހާމަވުމުން ކަމަށް ބީބީސީއިން ރިޕޯޓުކޮށްފި އެވެ.

"ސަން އޮން ސަންޑޭ" އިން ފުރަތަމަ ރިޕޯޓުކުރި ގޮތުގައި، މޭގަން ވަނީ ސިޓީއެއް ފޮނުވައި، އޭނާގެ ދަރިން އާޗީ އާއި ލިލިބެޓްއާ ތޯމަސް ދުވަހަކުވެސް ބައްދަލުނުވާނެ ކަމަށާއި، ދެން ދުވަހަކުވެސް ބައްޕައާ ގުޅުމެއް ނުބާއްވާނެ ކަމަށް ބުނެފަ އެވެ. މި ސިޓީ ފޮނުވީ 82 އަހަރުގެ ތޯމަސް، ސިއްހީ މައްސަލައަކާ ގުޅިގެން ފައި ބުރިކޮށްލުމަށްފަހު ފިލިޕީންސްގެ ހޮސްޕިޓަލެއްގައި އޮއްވަ އެވެ.

ތޯމަސް ކުރިން ދިރިއުޅުނު ފިލިޕީންސްގެ ގެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯތައް ފެނިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެ އެވެ. އޭނާއާ ބެހޭ ތުހުމަތުތަކުގެ މައުލޫމާތު އިނގިރޭސި ފުލުހުން 2019 ވަނަ އަހަރު މޭގަންއާ ހިއްސާކޮށްފައިވާ އިރު، މި ތުހުމަތުތައް ކަމާބެހޭ އިދާރާތަކަށް އެނގޭ ކަމަށް މޭގަން ވަނީ ބުނެފަ އެވެ.

ފިލިޕީންސްގެ އެންޓި-ހިއުމަން ޓްރެފިކިން އެންޑް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޓާސްކް ފޯހުން މި މައްސަލަ ތަހުގީގުކުރަމުން ދާ އިރު، ތޯމަސްގެ ކޮމްޕިއުޓަރު ފުލުހުން ހިފަހައްޓައި، ޑިޖިޓަލް ފޮރެންސިކް ތަހުގީގެއް ހިންގާނެ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ޖޮންވިކް ރެމުލާ ވިދާޅުވި އެވެ.

މިހާރު އެމެރިކާގައި ދިރިއުޅޭ ތޯމަސް، "މެއިލް އޮން ސަންޑޭ" އަށް ދިން އިންޓަވިއުއެއްގައި ފިލިޕީންސަށް ކުރި ދަތުރުތަކުގައި ފައިސާ ދީގެން ޖިންސީ ގުޅުން ހިންގި ކަމަށް އެއްބަސްވި ނަމަވެސް، ކުޑަކުދިންނާ ގުޅުންހުރި ހުރިހާ ތުހުމަތެއް ވަނީ ދޮގުކޮށްފަ އެވެ.

މޭގަންއާއި ބައްޕައާ ދެމެދު ގުޅުން ނުތަނަވަސްވާން ފެށީ، ސިއްހީ ސަބަބުތައް ދައްކައި 2018 ވަނަ އަހަރު ބޭއްވި މޭގަންގެ ރަސްމީ ކައިވެނީގެ ހަފުލާއަށް ތޯމަސް ބައިވެރިނުވުމާއެކު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.