ސައޫދީ އަރަބިއްޔާގެ ރިޔާޟް އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް އަލުން ފެށިތާ ގަޑިއިރުތަކެއްގެ ތެރޭގައި، އެ އެއާޕޯޓަށް އަނެއްކާވެސް ހަމަލާއެއް ދީފިކަމަށް ޔަމަނުގެ ހޫތީން ބުނެފިއެވެ.
އާދީއްތަ ދުވަހު ހެނދުނު ރިޔާޟްގެ ރައްޔިތުންނަށް ހަމަލާއެއްގެ އިންޒާރު ލިބުމަށްފަހު، ސިޓީގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނެވެ. އެއާޕޯޓުން ބައެއް ފްލައިޓްތައް ފުރި ނަމަވެސް، ގިނަ ދަތުރުތައް ކެންސަލްކުރިކަން ފްލައިޓްރާޑާ24 އިން ދައްކައެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ، ގިނަ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ތިން އޮޕަރޭޝަނެއް ހިންގި ކަމަށާއި، އެއާޕޯޓާއެކު ޚާމިސް މުޝައިތުގެ ކިންގް ޚާލިދު އެއާބޭސްއާއި ޖާޒާންގެ ނޭވީ ބޭސްއަކަށް ވެސް ހަމަލާދިން ކަމަށެވެ. މިކަމާ ބެހޭގޮތުން ސައޫދީ ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި މަހު އެ އެއާޕޯޓަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. އެއީ ފާއިތުވި ދިހަވަރަކަށް އަހަރުތެރޭ ސައޫދީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އެއާޕޯޓު ބަންދުކުރަން ޖެހުމުން ސައޫދީގެ މުހިންމު އިންވެސްޓްމަންޓް ކޮންފަރެންސް 2027 އަށް ފަސްކުރަން ޖެހުނުއިރު، ޑާކާރު ރެލީ ފަދަ އެތައް ހަރަކާތްތަކެއް ވެސް ކެންސަލް ނުވަތަ ބަދަލުކުރެވިފައިވެއެވެ. — އޭއެފްޕީ
ކޮމެންޓު ފޮނުވާ