އާމީނިއާގެ އެއާލައިން ޝިރަކް އޭވިއާއިން ޔެރެވަނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ. މި ދެ މަންޒިލާ ދެމެދު ގަވާއިދުން ފްލައިޓްތައް ހިންގާ ފުރަތަމަ ފަހަރަކީ މިއީ ކަމަށް އޭވިއޭޓާއިން ރިޕޯޓުކޮށްފައިވެއެވެ.
ނޮވެމްބަރު 14 ގައި ފެށޭ މި ދަތުރުތައް ހިންގާނީ ހަފްތާއަކު އެއްފަހަރު، ކޮންމެ ހޮނިހިރު ދުވަހަކުއެވެ. ޔެރެވަންގެ ޒްވާރްޓްނޮޓްސް އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާނީ ބޯއިންގ 737-800 ބޯޓަކުންނެވެ.
ޝެޑިއުލްގެ މަތިން، ފަތިހު 03:05 ގައި ޔެރެވަނުން ފުރާ ފްލައިޓް، ތެޔޮ އެޅުމަށް މަސްކަޓުގައި މަޑުކޮށްލުމަށްފަހު މެންދުރު 12:10 ގައި ރާއްޖެ އަންނާނެއެވެ. އެނބުރި ދާ ފްލައިޓް މެންދުރު 13:10 ގައި ރާއްޖެއިން ފުރައި، ރޭގަނޑު 20:15 ގައި ޔެރެވަނަށް ދާނެއެވެ. ދަތުރަށް ގާތްގަނޑަކަށް 8 ގަޑިއިރު ހޭދަވާނެއެވެ.
އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 455 ޑޮލަރުންނެވެ. ޓިކެޓް ވިއްކަން ފަށާފައިވާއިރު، މި ދަތުރުތައް 2027 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ހިންގާނެއެވެ. މިއީ ޝިރަކް އޭވިއާގެ 2026/27 ފިނި މޫސުމުގެ ވިއުގަ ފުޅާކުރުމުގެ ބައެއްގެ ގޮތުގައި ފަށާ ދަތުރުތަކެކެވެ.
ކޮމެންޓު ފޮނުވާ