މިދިޔަ ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައެއް ރިޕޯޓުކުރެވިފައިވާކަން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ މަހު ތަފާސްހިސާބުތަކުން ދައްކައެވެ.
އެ މަހު ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާކުރުމުގެ 29 މައްސަލައެވެ. އޭގެ ތެރޭގައި 15 ފިރިހެން ކުދިންނާއި 14 އަންހެން ކުދިން ހިމެނެއެވެ. ޖިންސީ ގޯނާގެ 15 މައްސަލަ ރިޕޯޓުކުރެވުނުއިރު، އޭގެ 12 މައްސަލައެއްގައި އަނިޔާ ލިބިފައިވަނީ އަންހެން ކުދިންނަށެވެ. މީގެ އިތުރުން އިހުމާލުވުމުގެ 16 މައްސަލަ، ގޭތެރޭގެ ހަމަނުޖެހުންތައް ކުދިންނަށް ފެންނަގޮތަށް ހިންގުމުގެ 14 މައްސަލަ، ނަފްސާނީ އަނިޔާގެ 8 މައްސަލަ، ގަނާކުރުމުގެ 5 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 1 މައްސަލަ އަދި އެހެނިހެން 2 މައްސަލަ ވުޒާރާއަށް ހުށަހެޅިފައިވެއެވެ. އަނިޔާ ލިބުނު ކުދިންގެ ތެރޭގައި ފިރިހެން އަދި އަންހެން ކުދިން ހިމެނެނީ 44 ބަޔަކު ވަރަކަށެވެ.
ކުޑަކުދިންގެ ސުލޫކާ ގުޅޭ 16 މައްސަލައެއްވެސް ވުޒާރާއަށް ރިޕޯޓުކުރެވިފައިވާއިރު، އޭގެ 12 މައްސަލައެއްގައި ހިމެނެނީ ފިރިހެން ކުދިންނެވެ. އޭގެ ތެރޭގައި ރުޅި ކޮންޓްރޯލް ނުކުރެވުމުގެ 6 މައްސަލަ، ގެއިން ފިލުމުގެ 2 މައްސަލަ، މަދަރުސާއަށް ދާން ދެކޮޅުހެދުމުގެ 1 މައްސަލަ އަދި އެހެނިހެން 7 މައްސަލަ ހިމެނެއެވެ. އަދި ކުއްޖަކު މަދަރުސާއަށް ނުފޮނުވައި ތައުލީމު ހޯދުމުގެ ހައްގުން މަހުރޫމްކުރުމުގެ އެއް މައްސަލަވެސް ފާހަގަކުރެވިފައިވެއެވެ.
ސެޕްޓެމްބަރު މަހު ވުޒާރާގެ އެހީގެ ނަންބަރުތަކަށް ޖުމްލަ 2،173 ކޯލު ލިބިފައިވާއިރު، ޗައިލްޑް ހެލްޕްލައިން 1412 އަށް 1،662 ކޯލު އަދި އިޖުތިމާއީ ހިދުމަތްތަކުގެ ހެލްޕްލައިން 1421 އަށް 511 ކޯލު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ