ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 30 ދުވަސް އިތުރުކޮށްފިއެވެ.
ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގީ ނިމުނު ހޮނިހިރު ދުވަހުގެ ފަތިހު 04:29 ހާއިރު، މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ހައިވޭގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑެއްގައި ޖެހި، އެތަނުގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ޖެހުމުންނެވެ. ހާދިސާގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް ދަތް ވެސް ބިނދިފައިވެއެވެ.
ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20)، ކ. ގާފަރު، މަލަ އަޙްމަދު ސިނާޒް (30)، ސ. ހިތަދޫ، ފެނީވާ އަޙްމަދު މާއިޝް މުޙައްމަދު މާހިރު (21) އަދި ހ. ފިލްމީސައިޓް އަނޫފް ބިން މުޙައްމަދު (21) އެވެ. އެމީހުން ހައްޔަރުކުރީ މަސްތުގެ ހާލަތުގައި، އާންމުންނަށް ބިރުވެރިކަން ލިބޭ ގޮތަށް އުޅަނދު ދުއްވި ތުހުމަތުގައެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ޓެސްޓަށް ޕޮޒިޓިވް ވެފައިވާއިރު، ދަނޑިވަޅުގައި އަނޫފް ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ވެސް ތަހުގީގު އޮފިސަރު ފާހަގަކޮށްފައިވެއެވެ. އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ ނޮވެމްބަރު 22 ގައެވެ.
ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު ވިދާޅުވީ ސައިކަލު ދުއްވާފައި ދިޔައީ ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރުން ކަމަށާއި، ފުލުހެއްގެ ގައިގައި ޖެއްސީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށެވެ. އެކަމުގެ މަގުސަދަކީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސް އެޅުން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ