ރާއްޖޭގައި ހުޅުވިފައިވާ ވިޔަފާރީގެ ފުރުސަތުތަކުން ފައިދާ ނަގައި، ރާއްޖެއާއެކު ދިގުމުއްދަތަށް ދެމިއޮންނަ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ގޮވާލައްވައިފިއެވެ.
ރައީސް މި ގޮވާލެއްވީ އިއްޔެ ހަވީރު އިސްލާމްއާބާދުގައި ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދެ ގައުމުގެ މެދުގައި 60 އަހަރު ވަންދެން ވަރުގަދަ ސިޔާސީ ގުޅުމެއް އޮތް ނަމަވެސް، އިގްތިސޯދީ ގުޅުން އަދިވެސް އޭގެ ފުރިހަމަ ފެންވަރަށް ނުފޯރާކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދެ ގައުމުގެ ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވައުދުވެވަޑައިގެންފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކޯލްޑް ޗެއިން ލޮޖިސްޓިކްސް، ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތައް، ކާބޯތަކެތި ޕްރޮސެސްކުރުމާއި މޫސުމާ ރައްޓެހި ދަނޑުވެރިކަމުގެ ދާއިރާތަކުގައި އިންވެސްޓްކުރުމަށް ރައީސް ދައުވަތު ދެއްވިއެވެ. މީގެ އިތުރުން، ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމުގައި ޕާކިސްތާނުގެ ބޭސް ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމާއި، 2028 ވަނަ އަހަރާ ހަމައަށް ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ އަމާޒާ ގުޅިގެން އެ ދާއިރާގައި ހުރި ފުރުސަތުތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.
ވިޔަފާރިއާއި ދަތުރުފަތުރު ފުޅާކުރުމަށްޓަކައި މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި ކަރާޗީއާ ދެމެދު އަވަހަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒުހިފާފައިވާކަމަށް ރައީސް އިއުލާންކުރެއްވިއެވެ. އަދި ދެ ގައުމު ސީދާ ކަނޑުމަގުން ގުޅާލުމަށްވެސް ގޮވާލެއްވިއެވެ.
ރާއްޖެއަކީ ހަމައެކަނި މުދާ ވިއްކާ މާކެޓެއްގެ ގޮތުގައި ނުދެކި، ބައިނަލްއަގްވާމީ މާކެޓްތަކަށް ވާސިލުވުމުގެ މަންސައެއްގެ ގޮތުގައި ދެކުމަށް އިންވެސްޓަރުންނަށް އިލްތިމާސްކުރައްވައި ރައީސް ވާހަކަފުޅު ނިންމެވިއެވެ.
ފޯރަމްގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީއާއި ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފްޕީސީސީއައި) އާ ދެމެދު އިގްތިސޯދީ އެއްބާރުލުން އިތުރުކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.
ކޮމެންޓު ފޮނުވާ