ޔަމަނުގެ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާއަށް ދިން ހަމަލާތަކުގައި ހަތަރު މީހަކު މަރުވެ، އަށް މީހަކަށް އަނިޔާވެއްޖެ އެވެ.
ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ބުދަ ދުވަހުގެ ރޭ ދައްމާމްގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި ސައުދީ ރައްޔިތަކާއި އިންޑިއާގެ ރައްޔިތަކު މަރުވި ކަމަށާއި، އަށް މީހަކު ޒަޚަމްވި ކަމަށެވެ. ހަމަލާގެ ބާވަތް ސައުދީން ހާމަނުކުރި ނަމަވެސް، ޑްރޯނާއި މިސައިލް ބޭނުންކޮށްގެން އަމާޒުކުރި ތަންތަނުގެ ތެރޭގައި އެ އެއާޕޯޓު ހިމެނޭ ކަމަށް ހޫތީން ބުނެފައިވެ އެވެ.
ހަމަ އެ ދުވަހުގެ ހެނދުނު ޝައިބާ ތެޔޮ ބިމުގައި ހުންނަ އަރާމްކޯގެ ފެސިލިޓީއަކަށް ފޮނުވި ޑްރޯނެއް ވައިގައި ގޮއްވާލުމުން، އޭގެ ބައިތައް ވެއްޓި ފިލިޕީންސްއާއި ނޭޕާލުގެ ދެ މީހަކު މަރުވިކަން ސައުދީ އެނާޖީ މިނިސްޓްރީން ކަށަވަރުކޮށްފި އެވެ. އެ ހާދިސާގައި ކޮންޓްރެކްޓަރެއްގެ އުޅަނދަކަށް ވެސް ރޯވި އެވެ.
ރިޔާދުގައި ހުންނަ ޑިފެންސް މިނިސްޓްރީގެ މައި އިދާރާ، ޔަންބޫގެ އަރާމްކޯ ފެސިލިޓީ އަދި އަބްހާ އެއާޕޯޓަށް ވެސް ހަމަލާދިން ކަމަށް ހޫތީން ބުނެއެވެ. ސައުދީ އިސްވެ ހުރި ކޯލިޝަނުން ބުނީ، ބުދަ ރޭ އިރުމަތީ ޕްރޮވިންސަށް ފޮނުވި ހަތަރު ޑްރޯނާއި ބުރާސްފަތި ދުވަހު ރިޔާދާއި މަދީނާއަށް ފޮނުވި ހަތަރު ޑްރޯން ވައިގައި ހުއްޓުވި ކަމަށެވެ.
އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ސައުދީގެ އެއާޕޯޓުތަކަށް ހޫތީން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 21 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓު ފޮނުވާ