ރާއްޖޭގެ ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަންކޮށްފި އެވެ. އެ ކޯޓުތަކުގެ ތެރެއިން ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ދިޔާނާ މަޖީދު އައްޔަންކޮށްފި އެވެ.
މި ބޭފުޅުން އައްޔަން ކުރެވުނީ ކޮމިޝަނުން އޮގަސްޓް މަހު ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެވެ. އެ އިއުލާނަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، ކޮމިޝަނަށް ލަފާ ދެވުނު ބޭފުޅުން މިއަދު މަގާމުގެ ހުވައި ކުރެއްވި އެވެ. ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ކޯޓުގެ އިސް ގާޒީ މަރްޔަމް ވަޙީދެވެ.
ހޯރަފުށީ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެވުނީ ހއ. ހޯރަފުށީ ވާރޭވިލާ، ފަތުހުﷲ އަލީ އެވެ. އެބޭފުޅާ ހަތް އަހަރަށް ވުރެ ގިނަ ދުވަހު ގާނޫނީ ވަކީލެއްގެ ގޮތުގައި ހިދުމަތް ކުރައްވާފައިވެ އެވެ. ފަތުހުﷲ އައްޔަން ކުރެވުނުއިރު ހުންނެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖަރު ލީގަލްގެ މަގާމުގަ އެވެ.
ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ދިޔާނާ، ޝަރުއީ ދާއިރާގައި ނުވަ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވެ އެވެ. އެބޭފުޅާ ވަނީ އޮއިލްބިޒްގެ ލީގަލް ކައުންސިލްގެ މަގާމު ފުރުއްވާފަ އެވެ. އަދި ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ ހެޑް އޮފް ހިއުމަން ރިސޯސް އެންޑް ލީގަލް އެފެއާޒްގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.
އޭދަފުށީ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެވުނީ ބ. އޭދަފުށީ ހުސްނުހީނާގެ، ހުސައިން ރަމީޒެވެ. ރަމީޒް ޝަރުއީ ދާއިރާގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެ އެވެ. އެބޭފުޅާ ވަނީ ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އެސިސްޓެންޓްގެ މަގާމުގައި ހިދުމަތް ކުރައްވާފަ އެވެ. އަދި ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ވެސް ހިދުމަތް ކުރައްވާފައިވެ އެވެ.
ފުވައްމުލަކު މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެވުނީ ޏ. ފުވައްމުލަކު މާދަޑު ހުމަށި، މަރްޔަމް އާސިރާ އެވެ. އާސިރާ ޝަރުއީ ދާއިރާގައި 13 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެ އެވެ. އައްޔަން ކުރެވުނުއިރު އެބޭފުޅާ ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގަ އެވެ. އޭގެ ކުރިން އާސިރާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.
ކޮމެންޓު ފޮނުވާ