ވިލިމާލޭގައި މި މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީ ތަރިންގެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލާގައި ހައްޔަރުކުރީ މަޝްހޫރު ތަރި އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމައިހު، މުހައްމަދު ވިޝާލް (ރޯމަން) އަދި އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދު އެވެ.
ފުލުހުން މިއަދު ބުނީ، ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި، ބާކީ އެއް މީހާ ވެސް މިއަދު ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް ޝަރީއަތުގެ މަރުހަލާގައި އެ މީހުން އަލުން ބަންދުކުރަން ކޯޓުން އަމުރުކޮށްފިނަމަ، އެގޮތަށް އަމަލުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުތަކުގައިވާ ގޮތުން، އެ މީހުން ތިބި ކޮޓަރީގައި މަސްތުވާތަކެތި ފެންނަން ހުރި އެވެ. އެ ތަކެތީގެ ބަރުދަނަކީ ޓްރެފިކިންގެ މިންގަނޑަށް ފެތޭ މިންވަރެއް ކަމަށާއި، އަޒްމީލް، ވިޝާލް އަދި ޝާހިލްގެ ކުށުގެ ރެކޯޑު އޮތް ކަމަށް ވެސް އަމުރުތަކުގައި ބަޔާންކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ