މިދިޔަ އޮގަސްޓް މަހު ރާއްޖޭގައި ކާބޯތަކެތީގެ އަގު އުފުލޭ މިންވަރު ކުޑަވެ، ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު %5.6 އަށް ތިރިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލޭގައި ކާބޯތަކެތީގެ އިންފްލޭޝަން %5.8 އަށް ދަށްވެފައިވާއިރު، މިއަހަރު އެ ރޭޓު އެންމެ މަތިވެފައި ހުރީ %7.8 އަށް އަރާފައިވާ ޖޫން މަހުގައެވެ. އަތޮޅުތަކުގައި އޭޕްރީލް މަހުން ފެށިގެން މައްޗަށް ދިޔަ އަގުތައް، ޖޫން އާއި ޖުލައި މަހު %7.1 ގައި ހުރުމަށްފަހު، އޮގަސްޓް މަހު %5.4 އަށް ތިރިވެފައިވެއެވެ.
ނަމަވެސް ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގުތައް އަދިވެސް ހުރީ މަތީގައެވެ. އޮގަސްޓް މަހު މި ދާއިރާގެ އިންފްލޭޝަން %9 ގައި ހުރިއިރު، މާރިޗު މަހުން ފެށިގެން އުފުލެމުން ދިޔަ މި ރޭޓު އެންމެ މަތިވީ %10.2 އަށް އަރާފައިވާ އޭޕްރީލް މަހުގައެވެ.
ކާބޯތަކެއްޗާއި އެހެނިހެން ބޭނުންތެރި ތަކެތީގެ އަގު އުފުލޭ މިންވަރު މަޑުޖެހުމާ ގުޅިގެން، ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ރޭޓު %1.8 އަށް ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ