ދ. މީދޫގައި މަސްތުވާތަކެތި ބޭނުންކުރުމާއި، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރެވިފައިވަނީ ދިގަލި / ދ. މީދޫ، 32 އަހަރުގެ ހަމްދޫން ޢަބްދުލްވާހިދެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ 18 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީދޫގެ މަގުމަތީގައި ހުއްޓުވައި ބަލައިފާސްކުރުމުންނެވެ. އެ ވަގުތު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓާއި ސެލޯފިން ކޮޅެއް އޭނާގެ ކައިރިން ފެނިފައިވެއެވެ.
ހަމްދޫންގެ ބަންދާ ބެހޭގޮތުން ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަމުންދެއެވެ.
ކޮމެންޓު ފޮނުވާ