ދައުލަތުގެ ޓެކްސް އާމްދަނީ 24.63 ބިލިއަން ރުފިޔާއަށް

ދައުލަތުގެ ޓެކްސް އާމްދަނީ 24.63 ބިލިއަން ރުފިޔާއަށް

Author
އަހުމަދު
21 އޮކްޓޯބަރ 2026 09:54
0

މި އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރުވެ 24.63 ބިލިއަން ރުފިޔާއަށް އަރާފިއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ހަފްތާގެ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، ހިލޭ އެހީއާއެކު ދައުލަތަށް މިހާތަނަށް ލިބިފައިވާ ޖުމްލަ އާމްދަނީ 31.89 ބިލިއަން ރުފިޔާއެވެ. ޖީޖީއެސްޓީން 4.43 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 8.2 ޕަސެންޓްގެ ކުރިއެރުމެކެވެ. ކޯޕަރޭޓް އިންކަމް ޓެކްސް 9.2 ޕަސެންޓް އިތުރުވެ 3.01 ބިލިއަނަށް، އިމްޕޯޓް ޑިއުޓީ 15.2 ޕަސެންޓް އިތުރުވެ 2.79 ބިލިއަނަށް، އަދި ވަޒަންވެރިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް 10.4 ޕަސެންޓް އިތުރުވެ 1.09 ބިލިއަނަށް އަރާފައިވެއެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއިން 1.55 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރިއާއި މުދަލުން ނަގާ އެހެނިހެން ޓެކްސްތަކުން ލިބުނު 1.39 ބިލިއަން ރުފިޔާއަކީ 87.8 ޕަސެންޓްގެ އިތުރުވުމެކެވެ.

ހަރަދުގެ ފަރާތުން ބަލާއިރު، ރިކަރަންޓް ހަރަދު 17.2 ޕަސެންޓް އިތުރުވެ 31.35 ބިލިއަން ރުފިޔާއަށް، އަދި ކެޕިޓަލް ހަރަދު 15.2 ޕަސެންޓް އިތުރުވެ 5.04 ބިލިއަނަށް އަރާފައިވެއެވެ. ހިލޭ އެހީއާއި ސަބްސިޑީއަށް 10.45 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ހަމައެކަނި ސަބްސިޑީއަށް ހޭދަވި 4.31 ބިލިއަން ރުފިޔާއަކީ 73.3 ޕަސެންޓްގެ އިތުރުވުމެކެވެ. އާސަންދައަށް 1.92 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު 14.1 ޕަސެންޓް އިތުރުވެ 5.56 ބިލިއަނަށް އަރާފައިވާ ނަމަވެސް، އިންޓަރެސްޓަށް ކުރި ހަރަދު 6.6 ޕަސެންޓް ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.