ސްޓެލްކޯގެ ބިޖުލީ އިންޖީނުތަކުން އަރާ ދުމާއި ބާރު އަޑުގެ ސަބަބުން ދިމާވާ އުނދަގޫތަކާ ގުޅިގެން، މާލޭގެ ފަސް ރައްޔިތަކު ހުށަހެޅި މައްސަލަ ބާތިލުކޮށްދިނުމަށް ސްޓެލްކޯއިން ކުރި އެދުން ހައިކޯޓުން ރުއްދުކޮށްފިއެވެ.
މި މައްސަލައަކީ، ސާފު އަދި ދުޅަހެޔޮ މާހައުލެއްގައި ދިރިއުޅުމުގެ ހައްގު ގެއްލޭ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅައި ނާކާމިޔާބުވުމުން، ހައިކޯޓަށް އިސްތިއުނާފުކުރި މައްސަލައެކެވެ. އިސްތިއުނާފު ފޯމުގައި އެދޭ ގޮތް ބަޔާންކުރާ ނުވަވަނަ ނަންބަރު ނެތް ކަމަށް ބުނެ، މައްސަލަ ބާތިލުކޮށް، ޝަރީއަތުގެ ޚަރަދާއި ވަކީލުގެ ފީ ވެސް ދައުވާލިބޭ ފަރާތުގެ އަތުން ނަގައިދިނުމަށް ސްޓެލްކޯއިން އެދުނެވެ.
ނަމަވެސް ހައިކޯޓުން ބެލިއިރު، ފުރަތަމަ ހުށަހެޅި ފޯމުގައާއި އިސްލާހުކުރި ފޯމުގައި ވެސް އެދޭ ގޮތް ފުރިހަމައަށް ބަޔާންކޮށްފައި އޮތެވެ. ލިޔުމުގެ ކުޑަ ކުށެއް ރަނގަޅުކުރުމަށް ދެ ސަފުހާ އަލުން ހުށަހެޅިއިރު، އިދާރީ އޮޅުމަކުން އެ ސަފުހާ އުނިވީ ކަމަށް ކޯޓުން ފާހަގަކުރިއެވެ. މިކަމުގައި ފޯމު ބަލައިގަތުމުގައި ކޯޓުގެ ފަރާތުން ވެސް އިހުމާލެއް ވެފައިވާތީ، އެފަދަ އުނިކަމަކާ ހުރެ މައްސަލަ ބޭރުކޮށްލުމަކީ އިންސާފު ގެއްލޭނެ ކަމެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ފަނޑިޔާރު އަބްދުލް މާނިއު ހުސައިން، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ހިމެނޭ ބެންޗުން އިއްތިފާގުން ނިންމަވައި، ފުރަތަމަ ފޯމުގައިވާ "އެދޭ ގޮތް" ބަލައިގަނެ މައްސަލަ ކުރިއަށް ގެންދިއުމަށް އަމުރުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ