ރިޔާދު އެއާޕޯޓަށް ހަމަލާގައި 12 މީހުން މަރުވެއްޖެ

ރިޔާދު އެއާޕޯޓަށް ހަމަލާގައި 12 މީހުން މަރުވެއްޖެ

Author
އަހުމަދު
11 އޮކްޓޯބަރ 2026 10:26
0

 

ރިޔާދުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫސީ މިލިޝިއާއިން ދިން ހަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވެ، 309 މީހުންނަށް އަނިޔާވެއްޖެކަމަށް ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަށަވަރުކޮށްފިއެވެ.

މަރުވި މީހުންގެ ތެރޭގައި ހަތަރު ސައުދީ ރައްޔިތުން، ބަންގްލަދޭޝްގެ ދެ ރައްޔިތުން، އަދި އެމެރިކާ، މިޞްރު، އުރުދުން، ސޫރިޔާ، ފަލަސްތީނާއި ސޫދާނުން ކޮންމެ ގައުމަކުން އެއް މީހަކު ހިމެނޭކަމަށް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.

އަނިޔާވި 309 މީހުން އިމަޖެންސީ މެޑިކަލް ޓީމުތަކުން ވެރިރަށުގެ ތަފާތު ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު އަދިވެސް ސީރިއަސްއެވެ.

ހަމަލާގެ ސަބަބުން ޓާމިނަލްގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގެއްލުމުގެ ފުރިހަމަ މިންވަރު ކަނޑައެޅުމަށް ޓެކްނިކަލް ޓީމުތަކުން ސައިޓު ބަލަމުން ގެންދެއެވެ.

ހަމަލާއާއެކު ގެއްލުންތައް ވަޒަންކޮށް، އެއާޕޯޓުގެ ސަލާމަތާމެދު ކަށަވަރުކުރުމަށްޓަކައި އެއާޕޯޓުގެ ހުރިހާ ފްލައިޓެއް ވަގުތީގޮތުން ހުއްޓާލިއެވެ.

މީގެ ސަބަބުން ސަރަހައްދުގެ ވައިގެ މަގުތަކުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ޓާމިނަލްތަކަށް ދިއުމުގެ ކުރިން އެއާލައިނުތަކާ ގުޅުމަށް ފަސިންޖަރުންނަށް ލަފާދީފައިވެއެވެ.

ކުވައިތު އެއާވޭޒުން ހޮނިހިރު ދުވަހު ރިޔާދަށް ދާ އަދި ރިޔާދުން އަންނަ ހުރިހާ ފްލައިޓެއް ކެންސަލްކޮށްފައިވަނީ އެއާޕޯޓު ކުއްލިގޮތުން ބަންދުކުރުމުގެ ސަބަބުންނެވެ.

މި ހަމަލާ އައީ ފާއިތުވި ދުވަސްކޮޅުގައި ސައުދީގެ އެއާޕޯޓުތަކާއި މުހިންމު ވަސީލަތްތަކަށް ހޫތީ މިލިޝިއާތަކުން ބޯޑަރު ހުރަސްކޮށް ކުރިއަށްދިޔަ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން ސަރަހައްދުގައިހަމަނުޖެހުން އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.