އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން ކުރި މަސައްކަތުން ސަލާމަތްވި ކްރިސްޓާ ޕައިކް، ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު އަނބުރާ ޖަލަށް ފޮނުވާލައިފި އެވެ.
50 އަހަރުގެ ޕައިކްގެ ވަކީލުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ވޭތުވެދިޔަ 30 އަހަރު ހޭދަކުރި ޖަލަށް މިހާރު އޭނާ ބަދަލުކޮށްފައިވާ ކަމަށާއި، އެތަނުގައި އޭނާއަށް ފަރުވާ ދިނުން ކުރިއަށް ދާ ކަމަށެވެ. ނަމަވެސް ދެމުންދާ ފަރުވާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ސެޕްޓެމްބަރު 30 ވަނަ ދުވަހު ޕައިކްގެ ގަޔަށް "ޕެންޓޯބާބިޓަލް" ގެ ދެ އިންޖެކްޝަން ޖެހި ނަމަވެސް އޭނާ މަރުނުވި އެވެ. އޭގެފަހުން ހާލު ސީރިއަސްވި ޕައިކް، މި ހަފުތާގެ ކުރީކޮޅު ހޭއަރައި ވާހަކަ ދައްކަން ފެށުމުން ޑޮކްޓަރުންނާއި ތަޖުރިބާކާރުން މެދުގައި ވެސް ހައިރާންކަން އުފެދުނެވެ.
ވިހަ އިންޖެކްޝަނުން ސަލާމަތްވި ހަމައެކަނި މީހަކީ ޕައިކް ކަމަށް ބެލެވޭތީ، މިއީ ގާނޫނީ ގޮތުން ކުރިން ދިމާވެފައި ނުވާ ހާލަތެކެވެ. ފަރުވާ ދިން މެޑިކަލް ޓީމަށާއި ފުރަތަމަ އެހީ ފޯރުކޮށްދިން ފަރާތްތަކަށް ޕައިކް ޝުކުރު އަދާކުރާ ކަމަށް ވަކީލުން ބުންޏެވެ. އޭނާ ފުރިހަމައަށް ރަނގަޅުވުމަށް ގިނަ ދުވަސް ނަގާނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.
ޓެނެސީ ޑިޕާޓްމަންޓް އޮފް ކަރެކްޝަނުން ބޭނުންކުރި އުސޫލު ދިފާއުކުރި ނަމަވެސް، އަދަބު ތަންފީޒުކުރުން ނާކާމިޔާބުވި ސަބަބު މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ކޮމެންޓު ފޮނުވާ