ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސް މިއަދު ފާހަގަކުރުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ، އަންހެން ކުދިން ބާރުވެރިކުރުމުގެ ފައިދާ ކުރާނީ ހަމައެކަނި އެ ކުދިންނަށް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
"އެކްސް" ގައި ކުރައްވާފައިވާ ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، މި ދުވަހަކީ ރާއްޖެއާއި މުޅި ދުނިޔޭގެ އަންހެން ކުދިންގެ ހިތްވަރާއި އުންމީދުތަކާއި ގާބިލުކަން އުފާފާޅުކުރަންވީ ދުވަހެއް ކަމަށެވެ. އަންހެން ކުދިންނަކީ މުޖުތަމައަށް ހެޔޮ ބަދަލު ގެނެސްދޭ، އާ ވިސްނުންތައް އުފައްދާ، މާދަމާގެ ލީޑަރުން ކަމަށާއި، އެ ކުދިންގެ ހުނަރާއި ލީޑަރޝިޕުގެ ސަބަބުން ވަރުގަދަ އަދި ހަރުދަނާ މުޖުތަމައުތަކެއް ބިނާވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ތައުލީމު، ދައުލަތުގެ ހިދުމަތް، ވިޔަފާރި، އިގްތިސާދު، ކުޅިވަރު އަދި މުޖުތަމައު ބާރުވެރިކުރުމުގެ ދާއިރާތަކުގައި ދިވެހި އަންހެން ކުދިންނާއި ޒުވާން އަންހެނުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުންދާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި އެ ކާމިޔާބީތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ބިނާކުރުމުގެ މުހިންމު ބިންގަލެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ