އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަނިން މޭޓުން އިއުލާން ކުރައްވަމުން ގެންދިޔުމަކީ ކަންބޮޑުވާ ކަމެއްކަމަށް އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕާޓީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ރަނިން މޭޓުކަމަކީ އެހެން ޕާޓީތަކާ މަޝްވަރާކުރާއިރު އެމްޑީޕީގެ އަތުގައި ހުންނަ ލެވަރެޖެއް ކަމަށާއި، އެ ލެވަރެޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އިންތިހާބަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަދައްކައި އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން މުހިންމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ކުރީގެ ރައީސް އަބްދުﷲ ޝާހިދު، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ ތެރެއިން ފައިސަލް ވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ރަނިން މޭޓެއްގެ ގޮތުގައި އިއުލާންކޮށްފައެވެ.
އެމްޑީޕީގެ ވެރިކަމެއްގައި ރައީސާއި ނައިބު ރައީސް ވެސް އެމްޑީޕީގެ ބޭފުޅުން ކަމުގައި ހުރުން މުހިންމު ކަމަށް ގަބޫލުކުރެވޭތީ ފައިސަލްގެ ރަނިން މޭޓުކަމަށް ނިންމި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ