ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ މޫޑީސް އިންވެސްޓާސް ސާވިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ 2″ އިން "ސީއޭއޭ 1″ އަށް މަތިކުރުމަކީ ސަރުކާރުން ގެންގުޅޭ އިގްތިސޯދީ ސިޔާސަތުތަކަށް ލިބުނު އިތުބާރެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ޖެއްސެވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މި ކާމިޔާބީ ހޯދިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މާލީ ހަމަޖެހުން ގެނައުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. ދުނިޔޭގެ މާލީ ބާޒާރުތަކުގައި ގޮންޖެހުންތައް ހުރި ނަމަވެސް، އިގްތިސޯދު ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޫޑީސްއިން ރޭޓިން މަތިކުރީ، ދަރަނި އަދާކުރުމުގެ ގާބިލުކަން ރަނގަޅުވެ، ސަރުކާރުގެ މާލީ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފެށުމުންނެވެ. މިއާއެކު ކުރު މުއްދަތުގައި ރާއްޖެއިން ދަރަނި ނުދެއްކިދާނެކަމުގެ ބިރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސީލުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ 129.2 ޕަސަންޓަށް އަރާފައި ހުރި ދައުލަތުގެ ދަރަނި، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 122.6 ޕަސަންޓަށް ދަށަށް ގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ