ވ. އަތޮޅުގެ ޑައިވިން ހާދިސާ: ވިހައެއް ނުވަތަ އަނިޔާއެއްގެ ނިޝާނެއް ނުފެނޭ، މަރުގެ ސަބަބަކީ އޮކްސިޖަން މަދުވުން

ވ. އަތޮޅުގެ ޑައިވިން ހާދިސާ: ވިހައެއް ނުވަތަ އަނިޔާއެއްގެ ނިޝާނެއް ނުފެނޭ، މަރުގެ ސަބަބަކީ އޮކްސިޖަން މަދުވުން

Author
އަހުމަދު
08 އޮކްޓޯބަރ 2026 11:33
0

ވ. އަތޮޅު އަލިމަތާ ކައިރީގައި ހުންނަ ކަނޑުއަޑީގެ ހޮހަޅައެއްގައި މަރުވި އިޓަލީގެ ފަސް ޑައިވަރުން މަރުވީ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުން ކަމަށް، މައްސަލަ ބަލާ އިޓަލީގެ ޕްރޮސެކިއުޓަރުންނާ ހަވާލުކުރި މާހިރުންގެ ރިޕޯޓެއްގައި ބުނެފިއެވެ.

މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ، މެއި މަހުގެ 25 އާއި 26 ގައި އިޓަލީގެ ގަލަރާޓޭ ހޮސްޕިޓަލުގައި ހެދި ޕޯސްޓްމޯޓަމްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. ޑައިވަރުންގެ އޮކްސިޖަން ފުޅިތައް ހުސްވިއިރުވެސް އެމީހުންނަށް މައްޗަށް އެރެން ނުކެރުނު ކަމަށް ރިޕޯޓުގައިވާއިރު، ވިހައެއް، ނުރައްކާތެރި މާއްދާއެއް، މިޔަރެއްގެ ހަމަލާއެއް ނުވަތަ ބޮޑު އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވެއެވެ. ނަމަވެސް، ގޭސް ހުސްވިއިރުވެސް އެމީހުން މައްޗަށް ނޭރުނު ސަބަބެއް އަދި ކަށަވަރެއް ނުކުރެވެއެވެ. ތަހުގީގުކުރާ ފަރާތްތަކުގެ ލަފާއަކީ ހޮހަޅައިގެ ތެރޭގައި ޑައިވަރުންނަށް މަގު އޮޅުނު ކަމަށެވެ.

މެއި 14 ގައި ހިނގި މި ހާދިސާގައި މަރުވީ ޖެނޯއާ ޔުނިވަރސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯނާއި އޭނާގެ 23 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް، 31 އަހަރުގެ ރިސާޗަރު މުރިއެލް އޮޑެނީނޯ، 30 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީ އަދި 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ. ހަށިތައް ހޯދުމުގެ އޮޕަރޭޝަނުގައި ސިފައިންގެ ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީވެސް މަރުވިއެވެ.

ފުރަތަމަ ސިފައިން ކުރިއަށް ގެންދިޔަ ހޯދުމުގެ މަސައްކަތުގައި ފަހުން އިސްކޮށް ބައިވެރިވީ، އިޓަލީ ސަރުކާރުގެ އެދުމަށް ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ. ހަށިތައް ހޮހަޅައިން ނެރުނީ މެއި 20 ގައެވެ. އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހަނދާނީ ލިޔުން ހަވާލުކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.