ތިމަރަފުށީ ޓެރަރިޒަމް މައްސަލަ: ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ތިމަރަފުށީ ޓެރަރިޒަމް މައްސަލަ: ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

Author
އަހުމަދު
08 އޮކްޓޯބަރ 2026 11:31
0

 

ތ. ތިމަރަފުށީގައި އައިއެސް ޖަމާއަތަށް ތާއީދުކުރާ ސެލްއެއް ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ހަތް ދައުވާގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، ކުށް ސާބިތުވީ ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދު، ތ. ތިމަރަފުށި، ކެނެރީގެ އަލީ މުނީޒު، ރ. ކަނދޮޅުދޫ، ފެހިވިލާ އަލީ އަރުހަމް މުހައްމަދު އަދި ނ. ކުޑަފަރި، ރޯޒްމީޑު އިބްރާހީމް ލޫތުގެ މައްޗަށެވެ.

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އިމާދާއި އަރުހަމް ތިން އަހަރަށް، އަދި މުނީޒު އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ. ހަނގުރާމައަށް ދާން އުޅުމުގެ ކުށުގައި އަރުހަމްއަށް ފަސް އަހަރުގެ ޖަލު ހުކުމެއް ދީފައިވާއިރު، އަދުލުއިންސާފަށް ހުރަސްއެޅުމުގެ ކުށުގައި އިމާދާއި ލޫތު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ.

ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަން އިތުރު އަދަބެއް ނެތުމާއެކު، އަރުހަމް ފިޔަވައި މައްސަލައިގެ އެހެން އެންމެން ވަނީ ބަންދުން މިނިވަންވެފައެވެ.

ޓެރަރިޒަމްގެ އުކުޅުތައް ދަސްކުރުމާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށްވުމާއި، ޓެރަރިސްޓް އަމަލެއް ރޭވުމާއި، އެފަދަ އަމަލަކަށް ހިތްވަރުދިނުމުގެ ދައުވާތައް ސާބިތުނުވީ ހެކީގެ ގޮތުގައި ހުށަހެޅި މޮބައިލް ފޯނުގެ ޑާޓާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދުމުން ކަމަށް ކޯޓުން ބުނެފައިވެއެވެ. އެ ދައުވާތައް އިސްތިއުނާފުކުރުމާ ބެހޭ ގޮތުން ނިންމާނީ މައްސަލައިގެ ރިޕޯޓު ލިބުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 8 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.