އައްޑޫ ދެކުނުން 311 ނޯޓިކަލް މެއިލުން ދަތުރުކުރަމުންދިޔަ އާގުބޯޓެއްގައި ހުރި ފަޅުވެރިޔަކު ހާލުދެރަވެގެން އަވަސް ފަރުވާއަށް އައްޑޫ ސިޓީއަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ ދެކުނުގެ ސަރަހައްދުގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު12:20 ހާއިރު އައްޑޫ ސިޓީއަށް ގެންގޮސްފައިވަނީ "އެމްވީ ފެންގ ލޫ" ނަމަކަށްކިޔާ ބޯޓެއްގެ ފަޅުވެރިއެއް ކަމަށެވެ.
އަދި އެއީ އުމުރުން 25 އަހަރުގެ އިންޑޮނޭޝިޔާ ފިރިހެނެއް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ފަޅުވެރިއެއްގެ ހާލު ސީރިއަސްވެ ޞިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:45 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ މި ބޯޓު އެންމެފަހުން ފުރާފައިވަނީ ސައުތު އެފްރިކާގެ ކޭޕް ޓައުން އިން ކަމަށް އުޅަނދުފަހަރުގެ މަޢުލޫމާތު ގެނެސްދޭ ވެބްސައިޓް ތަކުން ބުނެއެވެ. ނަމަވެސް މި ބޯޓު ދަތުރުކުރަމުންދަނީ ކޮން ގައުމަކަށްކަމެއް ނޭނގެއެވެ.
ކޮމެންޓު ފޮނުވާ