ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ސާވިސް ޗާޖު ޑޮލަރުން ނުވަތަ އެ ފައިސާ ލިބުނު ބާވަތަކުން ދިނުން ލާޒިމްކުރާ ބިލުގެ މަސައްކަތް އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު އެދިއްޖެ އެވެ.
މިކަމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެ ސިޓީގައި ފާހަގަކުރައްވާފައިވަނީ ސާވިސް ޗާޖުގެ ހައްގު ފުރިހަމައަށް ނުލިބޭތީ މުވައްޒަފުންނަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި، އެތައް ހާސް ދިވެހިންނާ ގުޅޭ މައްސަލައަކަށް ވާތީ ބިލު ކޮމެޓީން އަވަހަށް ނިންމައި ތަޅުމަށް ފޮނުވުމަށެވެ.
މި އިސްލާހު ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ މެންބަރު އަދި އެމްޓީޔޫސީގެ ރައީސް މައުރޫފް ޒާކިރު އެވެ. ބިލުގެ ދަށުން ސާވިސް ޗާޖު ރުފިޔާއަށް މާރުކުރުން މަނާކުރާއިރު، ވަގުތީ ގޮތުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ތަފާތުކުރުމެއް ނެތި ސާވިސް ޗާޖު ދިނުން ލާޒިމްކުރެ އެވެ.
މިހާރުގެ ގާނޫނުގެ ދަށުން ސާވިސް ޗާޖު 10 ޕަސެންޓަށް ވުރެ މަދުނުވާ ގޮތަށް ނަގައި، އެއް ޕަސެންޓް އިދާރީ ފީ ކެނޑުމަށް ފަހު ބާކީ ބައި މުވައްޒަފުންނަށް ހަމަހަމައަށް ބަހަން ޖެހެ އެވެ. ރިސޯޓުތަކުން ވަކި އަދަދަކަށް ޑޮލަރު އެމްއެމްއޭއާއި ބޭންކުތަކަށް މާރުކުރަން ލާޒިމްކުރި ފަހުން، ޑޮލަރުން ނަގާ ސާވިސް ޗާޖު ރުފިޔާއިން ދިނުމުގެ ޝަކުވާ އިތުރުވެފައިވެ އެވެ.
ފެބްރުއަރީ މަހު ފުރަތަމަ ކިޔުން އިއްވި މި ބިލު، އޭޕްރީލް 22 ގައި 67 މެންބަރުންގެ ވޯޓުން މަޖިލީހަށް ބަލައިގަތެވެ. ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.
ކޮމެންޓު ފޮނުވާ