ސައިބަރ ކުށްތަކުގެ ދަޢުވާއަށް އެންމެ ބޮޑު ހުރަހަކީ ކުށްވެރިން ރާއްޖެއިން ބޭރުގައި ތިބުން: ޕީޖީ

ސައިބަރ ކުށްތަކުގެ ދަޢުވާއަށް އެންމެ ބޮޑު ހުރަހަކީ ކުށްވެރިން ރާއްޖެއިން ބޭރުގައި ތިބުން: ޕީޖީ

Author
އަހުމަދު
27 ސެޕްޓެމްބަރ 2026 08:14
0

 

ސައިބަރ ކުށްތަކުގެ މައްސަލަތައް ދަޢުވާކުރުމުގައި ރާއްޖެ ކުރިމަތިލާ އެންމެ ބޮޑު ދަތިކަމަކީ ހެކިތަކާއި ފައިސާއާއި ކުށްކުރާ މީހުން ރާއްޖޭގެ ޤާނޫނީ ބާރު ނުފޯރާ ތަންތަނުގައި އޮތުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.

ޔޫއޭއީގައި ބާއްވަމުންދާ އދ.ގެ 15 ވަނަ ކްރައިމް ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރައްވަމުން ޕީޖީ ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަހު ރިޕޯޓްކުރެވުނު ސައިބަރ ކުށްތަކުގެ އަދަދު ދެގުނަ ވެފައިވީ ނަމަވެސް، ދަޢުވާކުރުމާ ހަމައަށް ދަނީ ކުޑަ ބައެއް ކަމަށެވެ.

މި ހާލަތު ބަދަލުކުރުމަށް 2024 ވަނަ އަހަރުގެ ޑިސެމްބަރުގައި ޤާނޫނުލްޢުޤޫބާތާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޖިނާއީ މައްސަލަތަކުގައި އެހީތެރިވުމުގެ ޤާނޫނަށް ބުޑަޕެސްޓް ކޮންވެންޝަނާ ގުޅޭ ގޮތަށް ބަދަލު ގެނެސް، ޑިޖިޓަލް ހެކި ހޯދައި ރައްކާކުރުމުގެ ބާރު ތަޙުޤީޤީ އިދާރާތަކަށް ދީފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. އދ.ގެ ސައިބަރ ކުށުގެ މުޢާހަދާގައި ރާއްޖެއިން ސޮއިކޮށް، އެ ތަޞްދީޤުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އިންޑިއާ ކަނޑު ސަރަހައްދުގައި ފުރަތަމަ ފަހަރަށް ބާއްވާ ސީ.ޖޭ.އެސް ނެޓްވޯކުގެ އަހަރީ ބައްދަލުވުން އަންނަ އަހަރު ރާއްޖޭގައި ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭއައި ބޭނުންކުރުމާ ބެހޭގޮތުން ޕީޖީ ވިދާޅުވީ، ޓެކްނޮލޮޖީއަކީ ޕްރޮސިކިއުޓަރުންނަށް އެހީތެރިވާނެ ވަސީލަތެއް ނަމަވެސް، މީހަކަށް ދަޢުވާކުރާނެތޯ ނިންމާނީ އިންސާނުން ކަމަށެވެ. ޕްރޮސިކިއުޝަނުން އެކުލަވާލި އޭއައި ގަވަރނަންސް ފްރޭމްވޯކާއި ތަމްރީނު މުޤައްރަރުތައް 2028 ވަނަ އަހަރާ ހަމައަށް އެހެން ޤައުމުތަކަށް ހިލޭ ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށްވެސް ޕީޖީ ވަޢުދުވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.