ރާއްޖެއަށް ވައިގެ މަގުން އަންނަ އަދި ރާއްޖެއިން ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ގަވާއިދެއް އެކުލަވާލައި އާއްމުކޮށްފި އެވެ. އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ހަދާފައިވާ މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 30 ން ފެށިގެން ނެވެ.
އިމިގްރޭޝަނުން ބުނީ މި ގަވާއިދުގެ މަގުސަދަކީ ބޮޑެތި ކުށްތަކުގައި ބައިވެރިވާ މީހުންނާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި މީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަނެ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
ގަވާއިދުގެ ދަށުން ބޯޓުގެ މައުލޫމާތާއި ފުރާ އަދި ޖައްސާ ދުވަހާއި ވަގުތު، ފަސިންޖަރުންގެ ނަން، ޖިންސް، ޤައުމު، ޕާސްޕޯޓް ނަންބަރު، ސީޓު ނަންބަރު، ދާގަނޑުގެ މައުލޫމާތު، ވިސާގެ މައުލޫމާތު އަދި ދާއިމީ އެޑްރެހާއި ދާ މަންޒިލުގެ އެޑްރެސް ފޯރުކޮށްދޭން ޖެހޭނެ އެވެ. މި ޒިންމާ އަދާކުރަން ޖެހޭނީ އުޅަނދުގެ ވެރިފަރާތްތަކާއި ޗާޓަރުކުރާ ފަރާތްތައް، އޭޖެންޓުން، ކެޕްޓަނުންނާއި އުޅަނދުގެ މައްޗަށް ޒިންމާވާ އެހެން ފަރާތްތަކަށެވެ.
ލިބޭ މައުލޫމާތު ކަސްޓަމްސާ ހިއްސާކުރާނެ ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާއަކާ ވެސް ހިއްސާކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަކީ އިމިގްރޭޝަނަށް ލާޒިމު ކަމެކެވެ. ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް 2،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެ އެވެ.
ކޮމެންޓު ފޮނުވާ