ރާއްޖޭގެ ތަރައްގީގައި ޗައިނާގެ އެހީތެރިކަމަށް ނައިބު ރައީސް ޝުކުރުއަދާކުރައްވައިފި

ރާއްޖޭގެ ތަރައްގީގައި ޗައިނާގެ އެހީތެރިކަމަށް ނައިބު ރައީސް ޝުކުރުއަދާކުރައްވައިފި

Author
އަހުމަދު
26 ސެޕްޓެމްބަރ 2026 02:45
0

 

ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީޑީއައި) ގެ އަމާޒުތައް ހާސިލުކުރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަމަށް ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނާ ގުޅިގެން، ޗައިނާގެ އިސްނެގުމުގައި ބޭއްވި ޖީޑީއައިގެ މަތީ ފެންވަރުގެ ބައްދަލުވުމުގައި ތަގްރީރުކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ތަރައްގީވަމުންދާ ގައުމުތަކަށް ވިލުންތެރި، ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ ކުރިމަގެއް ކަށަވަރުކުރުމަށް ގައުމުތަކުގެ ދެމެދުގައި ގުޅުން އިތުރަށް ވަރުގަދަކުރަން ޖެހޭ ކަމަށެވެ. ޖީޑީއައިގެ ދަށުން މަޝްރޫއުތައް ފުޅާކުރުމަށް ޗައިނާއިން ކުރާ މަސައްކަތަށް ޝުކުރުދަންނަވައި، ރާއްޖޭގެ ތަރައްގީގައި ޗައިނާއިން ދެމުންގެންދާ އެހީތެރިކަމާއި ދެގައުމުގެ ދެމެދުގައި ދިގު ތާރީހެއް އޮތް ގާތް ގުޅުން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ދަރަނީގެ މައްސަލަތަކާއި މޫސުމީ ބަދަލުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ކޮޕް31 ގެ ލަނޑުދަނޑިތައް ހާސިލުކުރުން ވަރަށް މުހިންމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވައި، މައުލޫމާތާއި ޓެކްނޮލޮޖީ ހިއްސާކުރުމާއި ހުނަރުވެރިން ބިނާކުރުމުގައި ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ގައުމުތަކެއް އެކުގައި މަސައްކަތްކޮށް، ފާގަތި އަދި ވިލުންތެރި މުސްތަގްބަލެއް ބިނާކުރުމަށް ގޮވާލައްވަމުން ނައިބު ރައީސް ތަގްރީރު ނިންމަވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.