ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކު މަގުމަތީގައި ވައްޓާލައި، އަނިޔާކޮށް ފައިސާ ފޭރިގަތް މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއްޖެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހުށަހަޅާފައިވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ ހެނދުނު 06:04 ހާއިރުއެވެ. ފޭރުމަށް ލިބުނީ ރަށުގެ ކެފޭއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ކަމަށާއި، އޭނާ ހެނދުނު މަސައްކަތަށް ދަމުންދިޔައިރު ހާދިސާ ހިނގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯއިން ފެންނަނީ ފިރިހެނަކު އެ އަންހެން މީހާ ބިމަށް ވައްޓާލުމަށްފަހު، އޭނާގެ މައްޗަށް އަރައި އަނގައިގައި އަތްއަޅައިގެން އިންޒާރުދޭ މަންޒަރެވެ. ވީޑިއޯ ނަގަމުންދާ ފަރާތް ފެނުމުން، އެ ފިރިހެން މީހާ އަންހެން މީހާ ދޫކޮށްލައި، މަގުމަތީގައި ވިހުރިފައިވާ ފައިސާ ހޮވައިގެން އެ ސަރަހައްދުން ދުރަށް ގޮސްފައިވެއެވެ.
މި ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ