ވީޓޯގެ ބާރު އުވާލުމަށާއި އަންހެން ސެކްރެޓަރީ ޖެނެރަލަކު ޢައްޔަނުކުރުމަށް ރާއްޖެއިން ގޮވާލައިފި

ވީޓޯގެ ބާރު އުވާލުމަށާއި އަންހެން ސެކްރެޓަރީ ޖެނެރަލަކު ޢައްޔަނުކުރުމަށް ރާއްޖެއިން ގޮވާލައިފި

Author
އަހުމަދު
25 ސެޕްޓެމްބަރ 2026 08:20
0

 

ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގައި ދިވެހިރާއްޖޭގެ ނަމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދީ، އިސްރާއީލުން ކުރިއަށްގެންދާ ޤަތުލުޢާންމު އަވަހަށް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ޖެހިލުން ނުވެ ކަންތައް ކުރަން ޖެހޭ ކަމަށެވެ. އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ވަރުގަދައަށް ކުށްވެރިކުރައްވައި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް، އިރުމަތީ ޤުދުސް ވެރިރަށްކޮށް މިނިވަން ފަލަސްޠީން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖޭގެ ތާއީދު ދެމިއޮންނާނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން، ޤައުމީ ސަލާމަތާއި ތަރައްޤީއާ ގުޅިފައިވާ ކަމެއް ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކާ ކުރިމަތިލާން ބޭނުންވާ ފައިސާ އަވަހަށް ލިބޭނެ ނިޒާމެއް ބޭނުންވާކަމަށް ވިދާޅުވި އެމަނިކުފާނު، ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލާއި ކާނާގެ އަގު ބޮޑުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ލިބިފައިވާކަމާއި ދިމާއަށް ވެސް ކުށްވެރިކުރެއްވިއެވެ. 2040 ވަނަ އަހަރަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒާ ގުޅޭގޮތުން އިޤްތިޞާދު ފުޅާކޮށް، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަލާމަތީ މަޖިލީހުގައި ކުދި ޖަޒީރާ ޤައުމުތަކާއި އެފްރިކާއަށް ތަމްސީލުވުމުގެ ފުރުޞަތު ދީ، ވީޓޯގެ ބާރު އުވާލަން ނައިބު ރައީސް ގޮވާލެއްވިއެވެ. އދ.ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ސެކްރެޓަރީ ޖެނެރަލަކު ޢައްޔަނުކުރުމަށް ބާރުއަޅުއްވައި، ކުރިއަށް އޮތް އަހަރުތަކުގައި އދ.ގެ މުހިންމު ކައުންސިލްތަކުގެ ގޮނޑިތަކަށް ރާއްޖެއިން ވާދަކުރާނެކަން އިޢުލާނުކުރައްވައި، މެންބަރު ޤައުމުތަކުގެ ތާއީދަށް އެދިވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.