ސުޕްރީމް ކޯޓަށް ހާއްސަ އިމާރާތެއް ބިނާކުރުމަށް ސަރުކާރުން މާލޭން ބިމެއް ކަނޑައަޅައިދީފި އެވެ.
ސުޕްރީމް ކޯޓު އުފެދިތާ 18 އަހަރު ފުރުމުގެ މުނާސަބާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، މި މަހުގެ ތެރޭގައި މާލޭގެ މުހިންމު ސަރަހައްދަކުން ސަރުކާރުން ބިމެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ބިމަކީ ކޮން ބިމެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. ސަރުކާރުން ވެސް މިހާތަނަށް އެ މައުލޫމާތު ހާމައެއް ނުކުރެއެވެ.
ޣަނީ ވިދާޅުވީ ކޯޓުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ޖާގައިގެ ދަތިކަން ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް މިހާރުގެ ސަރުކާރުން އިސްކަން ދެއްވާފައިވާ ކަމަށެވެ. އެކަމަށްޓަކައި އޭނާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރެއްވި އެވެ. އާ އިމާރާތުގެ މަސައްކަތް އަވަހަށް ފަށައިގެން ޖާގައިގެ ދަތިކަމަށް ހައްލެއް ލިބުމުގެ އުއްމީދު ވެސް އޭނާ ފާޅުކުރެއްވި އެވެ.
މިހާރު ސުޕްރީމް ކޯޓު ހިނގަމުންދަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި ތީމުގޭގައެވެ. ކުރިން ސުޕްރީމް ކޯޓަށް އިމާރާތެއް އަޅަން ކަނޑައެޅި ބިމުގެ މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެން، އެ ބިން މިހާރު ވަނީ ހައުސިން މަޝްރޫއަކަށް އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފައެވެ.
މީގެ އިތުރުން ހައި ކޯޓާއި ސުޕީރިއަރ ކޯޓުތައް ހިމެނޭ ކޯޓު ކޮމްޕްލެކްސްއެއް އެމްޓީސީސީން ހުޅުމާލޭގައި ބިނާކުރަމުންދާއިރު، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ވަގުތީ ގޮތުން ހުޅުމާލޭން އިމާރާތެއް ސަރުކާރުން ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ