މާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ބޮޑަށް އަނިޔާވެފައިވާ އިމިގްރޭޝަންގެ އެސިސްޓެންޓް އޮފިސަރު އައިޝަތު މާހިދާ (26) މިއަދު ހަވީރު އަވަހާރަވެއްޖެއެވެ.
ފުލުހުން ބުނީ، މާހިދާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ލިބެމުން ދަނިކޮށް ކަމަށެވެ. ސޯސަން މަގުގައި ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ ހޯމަ ދުވަހުގެ ރޭގަނޑު 01:12 ހާއިރުއެވެ. މި ހާދިސާގައި 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނަކަށްވެސް އަނިޔާވެފައިވެއެވެ. އެއް ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެނާގެ ކިބައިގައި ދުއްވުމުގެ ލައިސަންސެއް ނެތުމުން، ފުލުހުން އޭނާ ހައްޔަރުކޮށްފައިވެއެވެ.
ށ. ފޯކައިދޫ އަށް އުފަން މާހިދާ އިމިގްރޭޝަންގައި ވަޒީފާ އަދާކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޓީސީސީގައި މަސައްކަތްކޮށްފައެވެ.
މާހިދާގެ ކުއްލި ވަކިވުމާ ގުޅިގެން ހިތާމަ ފާޅުކުރި އިމިގްރޭޝަނުން، އޭނާ ޤައުމަށް ކޮށްދިން އިޚްލާސްތެރި ޚިދުމަތް ފާހަގަކޮށް، އާއިލާއަށް ކެތްތެރިކަމާއި ހިތްވަރު ލިބިވަޑައިގަތުމަށް ދުޢާކޮށްފިއެވެ.
ކޮމެންޓު ފޮނުވާ