ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ 50 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި ބިނާކުރުމަށް ބީލަން ހުޅުވާލައިފިއެވެ. ހައުސިންގ މިނިސްޓްރީގެ އެދުމާ ގުޅިގެން މި ބީލަން ހުޅުވާލީ ފިނޭންސް މިނިސްޓްރީން ކަމަށާއި، މަޝްރޫޢު ކުރިއަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ބީލަމަށް ހުށަހެޅޭނީ GC01 ގެ ގްރޭޑް 1 އިން 7 އަށް ރަޖިސްޓްރީވެފައިވާ ކޮންޓްރެކްޓަރުންނަށެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 އޮކްޓޫބަރާ ހަމައަށް ރަޖިސްޓްރީވާން ޖެހޭއިރު، އަނބުރާ ނުލިބޭ ފީއެއްގެ ގޮތުގައި 1,500 ރުފިޔާ ނުވަތަ 100 ޑޮލަރު ބަނޑޭރި ޕޭއިން ދައްކަން ޖެހޭނެއެވެ.
ބީލަމުގެ ލިޔެކިޔުންތައް މާދަމާއިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ހިލޭ ލިބެން ހުންނާނެއެވެ. ޕްރީ-ބިޑް ބައްދަލުވުން 7 އޮކްޓޫބަރުގައި އޮންލައިންކޮށް ބާއްވާނެއެވެ.
ބީލަން ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް، 25 އޮކްޓޫބަރުގެ މެންދުރުފަހު 1:00 ގެ ކުރިންނެވެ. ބީލަން ހުޅުވާނީ ދެން އޮތް ދުވަހުގެ ހެނދުނުއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 864,000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ