އޮކްޓޫބަރު 1 ގައި ފެށޭ އެމްޑީޕީގެ ކޮންގްރެސްއާއެކު ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ 100 ވިޔަފާރި ޕްރޮޖެކްޓެއް އިންވެސްޓަރުންނަށް ހުޅުވާލާނެ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕްރޮޖެކްޓް އޮފީހުން ކައުންސިލްތަކާ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮޖެކްޓްތައް ތައްޔާރުކުރެވުނު ކަމަށެވެ. މި ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ވިޔަފާރީގެ ފުރުސަތުތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، މި ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ކައުންސިލްތަކާ ސީދާ މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އޭގެ ފައިދާ ރަށްރަށުގެ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވެ، ރަށްރަށުގެ އިގްތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ