ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްގައި ދެމި ތިބެން ބޭނުންވާ މުވައްޒަފުން ނަން ނޯޓު ކުރުމަށް އެދިއްޖެ އެވެ.
ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ހިންގާ އެ އެއަރޕޯޓްގެ މުވައްޒަފުންނަށް ލިޔުމުން އަނގާފައިވާ އެންގުމެއްގައި ބުނެފައިވަނީ، ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކަށް ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާތީ، ސިވިލް ސަރވިސް މުވައްޒަފުން ގޮތުގައި ދެމި ތިބުމަށް ބޭނުންވާ މުވައްޒަފުން އެއަރޕޯޓް އޮފީހުގައި ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް މިހާތަނަށް ހިންގަމުން އައީ ޓްރާންސް ޕޯޓް މިނިސްޓްރީގެ ދަށުން ހިނގަމުން އައި ރީޖަނަލް އެއާޕޯޓްސްގެ ދަށުންނެވެ. އެ އެއާޕޯޓުގައި ޖުމްލަ 105 ސިވިލްސާވިސް މުވައްޒަފުންގެ މިހާރުވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ.
މީގެ ކުރިން ރީޖަނަލް އެއާޕޯޓްސްގެ ދަށުން އޮޕަރޭޓްކުރަމުންގެންދިޔަ ހުރިހާ އެއަރޕޯޓެއްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެތެރެއިން، އަލަށް އުފެއްދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އެގޮތަށް ބޭނުންވާ މުވައްޒަފުންނެވެ. ކުރިން ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި ހުރިހާ އެއަރޕޯޓްތަކެއް ދެން ހިންގާނީ އަލަށް އުފެއްދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުންނެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ރާއްޖޭގައި ހުރި ސަރަހައްދީ އެއަރޕޯޓްތަށް ވިޔަފާރި އުސޫލުން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުންފުންޏެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ 30 ސެޕްޓެމްބަރު 2020 ގައެވެ.
ކޮމެންޓު ފޮނުވާ