ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދަބަހެއްގައި ބޮމެއް އޮތްކަމަށް ސަމާސާއަކަށް ބުނި މިޞްރުގެ ފަތުރުވެރިއަކު ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ފަސް ދުވަހަށް ބަންދުކޮށްފިއެވެ.
ހައްޔަރުކުރި މީހަކީ 38 އަހަރުގެ ޕީޓާ ސަމާން މަރްޒޫޤް ސަމާން އެވެ. ބަންދު އަމުރުގައި ބުނާ ގޮތުން، އޭނާގެ ދައްތަގެ ދަބަސްތައް އެއާޕޯޓުގައި އިތުރަށް ޗެކްކުރަން އުޅުނު ވަގުތު، އެ ދަބަހުގައި ބޮމެއް އޮތްކަމަށް އޭނާ ބުނެފައިވެއެވެ. މި ވާހަކަ ފާހަގަކުރެވިފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިންސިޑެންޓް ރިޕޯޓާއި ފުލުހުންގެ ހާދިސާ ރިޕޯޓުގައެވެ.
އޭނާގެ މައްޗަށް ކުރެވެނީ ބިރުދެއްކުމާއި ދޮގު ޚަބަރު ދިނުމުގެ ތުހުމަތެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، މިއީ ހަ މަހާއި 18 މަހާ ދެމެދުގެ ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު އޮތް ބޮޑު ކުށެކެވެ.
ޝަރީޢަތުގެ މަޖިލީހުގައި ޕީޓާ ބުނެފައިވަނީ، އެއީ ސަމާސާއަކަށް ބުނި ބަހެއް ކަމަށާއި، އެކަމަށްޓަކައި މާފަށް އެދޭ ކަމަށެވެ. ނަމަވެސް، އެއާޕޯޓު ފަދަ ސެކިއުރިޓީ ވަރުގަދަ ތަނެއްގައި މިފަދަ ސަމާސާއެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ބިދޭސީއަކަށްވެފައި ދޫކޮށްލައިފިނަމަ ފިލައިފާނެ ކަމުގެ ބިރު އޮތުމުން، މުޖުތަމަޢުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ