ރާއްޖެއިން ބޭރުން މުދާ ގެންނަން ކަމަށްބުނެ ވިޔަފާރިވެރިން ބޭރަށް ޓީޓީ ހަދާއިރު، އެ ޓީޓީތަކާ ގުޅޭ މުދާ ރާއްޖެއަށް އެތެރެނުކުރާ ނަމަ، އެއީ ޓްރޭޑް ބޭސްޑް މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދެއްކި ކަމަށް ބުނެ ބޭރަށް ފޮނުވާ ބައެއް ޓީޓީތަކާ ގުޅޭ މުދާ، އަހަރެއް ފާއިތުވާއިރު ވެސް ރާއްޖެ ނާންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ޑްރަގުގެ ވިޔަފާރިން ހޯދާ ފައިސާ ބޭރުކުރުމަށާއި، ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭރަށް ފޮނުވުމުގައި ވެސް މި ރޫޓު ބޭނުންކުރަމުން އަންނަ ކަން އެނގިފައިވެއެވެ.
ބޭރަށް ފޮނުވާ ޓީޓީތަކަކީ ސައްހަ މުއާމަލާތްތަކެއްތޯ ކަށަވަރުކުރުމަށް ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މިހާރު ވެސް މަސައްކަތް ކުރެވެމުންދާ ކަމަށާއި، މި ފަދަ މައްސަލަތައް ގާނޫނާ އެއްގޮތަށް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ