ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި 95 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ ރަށުގެ ހާލަތު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ފޭދޫ ކައުންސިލުން ބުނެފިއެވެ.
ފޭދޫ ކައުންސިލް މެމްބަރު ޒަހާ އަލީ "ސަން" އަށް ވިދާޅުވީ، ހޮނިހިރު އަދި އާދީއްތަ ދުވަހު ވެހުނު ބޯ ވާރޭގައި ފެންވަދެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ހަތް ގެއަކަށް ބޮޑެތި ގެއްލުންތައް ވެގެން މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނު ކަމަށެވެ. އަދި މިވަގުތު މޫސުން ރަނގަޅުވެ އަވިދީފައިވީ ނަމަވެސް، ފެންވަދެ ގެއްލުން ލިބުނު ގެތަކުގެ ހާލަތު އަދިވެސް ގޯސް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރެކޯޑު ކުރެވިފައިވަނީ 95 ގެއަކަށް ފެންވަތްކަމަށް. ދެން އެއަށްވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެނީ، އެއީ އެބަހުރި ފެން ވަދެގެން ރިޕޯޓު ނުކުރެވި ހުރި ގޭގެ ވެސް. ގެއްލުންތަކުގެ މުޅި ތަފްސީލް އެނގޭނީ އެސެސްމަންޓް ހަދާ ނިމުމުން،" ޒަހާ ވިދާޅުވިއެވެ.
ޒަހާ ވިދާޅުވީ، މުޅި ޖުމުލަކޮށް ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ގުޅިގެން އެސެސްމަންޓް ހެދުމުގެ މަސައްކަތް މިރެއާ ހަމައަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިއްސާރަވެއްޖެނަމަ ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފޭދޫގެ ފެން ހިންދާ ނިޒާމު ރަނގަޅު ކުރެވިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެންޑީއެމްއޭއިން ބުނީ، ފޭދޫގެ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމުން، އެ ގޭގައި ދިރިއުޅޭ އަށް މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާއިރު، ފުވައްމުލަކުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ފެންބޮޑުވި ރަށްރަށުގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ފެންހިންދުމުގެ މަސައްކަތުގައި ފެނަކައާއި ކައުންސިލްތަކުގެ އިތުރުން ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ